މިއަދު ކުރިއަށްގެންދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަށް ސުޕަރ މެޖޯރިޓީ ލިބުމުގެ ފުރުސަތު ބޮޑުވެއްޖެއެވެ.

Ads by Asuru

މިހާރު އިއުލާނުކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ސަރުކާރުން ވަނީ މުޅި ރާއްޖޭގެ 70 އަށްވުރެ ގިނަ ގޮނޑި މިހާތަނަށް ކާމިޔާބުކޮށްފައެވެ.

އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކާމިޔާބު ކޮށްފައިވާ ގޮނޑިތައްވެސް ކާމިޔާބުވެފައި ވަނީ ވަރަށް ކުޑަ ފަރަގަކުން ކަން ފާހަގަކޮށްލެވެއެވެ.

މަޖިލީހުގެ މެޖޯރިޓީއަކީ 47 ގޮނޑިއަށްވާއިރު ސުޕަރ މެޖޯރިޓީއަކީ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބަޔަށްވާ 70 ގޮނޑިއެވެ. މިފަހަރުގެ މަޖިލީހުގައި ހިމެނެނީ ޖުމްލަ 93 ގޮނޑިއެވެ.

މަޖިލިސް ކެމްޕެއިނުގައި ރައީސް މުއިއްޒު ނުހަނު ބުރަކޮށް މަސައްކަތް ކުރައްވާފައިވާއިރު އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން އައީ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނައުމަށްޓަކައި ހަލުވި ދުވެލީގައި މަޝްރޫއުތައް ކުރިއަށްގެންދެވޭނީ ސަރުކާރަށް އެއްބާރުލުންދޭނެ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބުކޮށްގެން ކަމަށެވެ.

މިފަހަރުގެ މަޖިލިސް އިންތިހާބުގައި 284,663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 139,361 އަންހެނުންނާއި 145,302 ފިރިހެނުންނެވެ.

މި އިންތިހާބުގައި 603 އަށް ވުރެ ގިނަ ވޯޓްފޮށި ބަހައްޓާފައިވާއިރު ރާއްޖެއިން ބޭރުގެ ތިން ގައުމެއްގައިވެސް ވަނީ ވޯޓު ފޮށި ބަހައްޓާފައެވެ. އެއީ އިންޑިއާ، ސްރީ ލަންކާ އަދި މެލޭޝިއާގައެވެ.