އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މި ސަރުކާރުން ސުޕަރ މެޖޯރިޓީ ހޯދާފައިވާއިރު ދެން ފެނިގެންދާނީ އަމަލުން ކަންކުރާތަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

މަޖިލިސް އިންތިހާބުގައި ސަރުކާރުން ހޯދި ކާމިޔާބީއާއި ގުޅިގެން އުފާ ފާޅުކުރުމަށް މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިފަދަ ކާމިޔާބީއެއް ސަރުކާރަށް ލިބުމުން ހާމަވެގެން މިދިޔައީ ގައުމުގެ ކުރިމަގު ވަރަށް އުޖާލާކަން ކަމަށާއި ދެން ފެނިގެންދާނީ މި ގައުމު ތަރައްގީވެގެންދާތަން ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއަށް ދެން އޮތީ މަސައްކަތުގެ ދުވެލި އަވަސްކުރުން ކަމަށެވެ. އެގޮތުން އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން ވޭތުވެދިޔަ ފަސް މަސް ދުވަހު ދަތި އުނދަގުލުގެ ތެރޭގައި ވެސް ކޮންމެވެސް ވަރަކަށް ކަންކަމުގައި ނަތީޖާ ނެރެދެވުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަޖިލީހަށް މި ލިބުނު ކާމިޔާބީއާ ގުޅިގެން ދިވެހި ރައްޔިތުން އެދޭ ތަރައްގީ ހަލުވި ދުވެލީގައި ގެނެސްދިނުމަށް ފަސޭހަވެގެން ހިނގައްޖެ ކަމަށާއި ދެން ފެށޭނީ މި ގައުމު ތަރައްގީވާ ދުވަސްތައް ކަމަށް ރައީސް ވިދާޅުވިއެވެ.

މުޅި ގައުމު އެކައްޗެއް ކިޔާ ދިން މެސެޖަކީ ތިމަންނަމެން ދެން ބޭނުންވަނީ ވާހަކަ ދެއްކުމެއް ނޫނޭ، އަމަލުން ކަން ކުރާށޭ. ދެން ފެންނާނީ އަމަލުން ކަންކުރާތަން އިރާދަކުރެއްވިއްޔާ. މި ގައުމަކީ އަޅުގަނޑުމެން ފަހުރުވެރިވާފަދަ، އަޅުގަނޑުމެންނަށްވެސް ހެޔޮ ގޮތްވެ، އަޅުގަނޑުމެން ދަރިންނަށާއި އަދި އެ ދަރިންގެ ދަރިންނަށާއި އަދި އެ ދަރީންގެ ދެން އަންނާނެ ދަރިންނަށްވެސް އުފާފާގަތި ގައުމަކަށް ހެދުމުގެ އަމަލީ މަސައްކަތް ދެން ފެންނާނީ އިރާދަކުރެއްވިއްޔާ.

ރައީސް ވިދާޅުވީ ސަރުކާރުގެ މި ޓީމަކީ ނުނިދާނެ ޓީމެއް ކަމަށާއި، ސާބިތުވެ ތިބޭނީ ރައްޔިތުން އެދޭ ސްޕީޑުގައި މަސައްކަތް ކުރުމަށް ކަމަށެވެ. އަދި ރައްޔިތުން އެދޭ ތަރައްގީއާއި ހަމަޖެހުން ގެނައުމަށްޓަކައި މި ސަރުކާރުން ކުރިއަށްދާނީ ބާރު ސްޕީޑުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ކަންކަން ބަލަން ތިބި ބޭރުގެ ފަރާތްތަކަށްވެސް ދިވެހި ގައުމަކީ ފަހުރުވެރި ގައުމެއްކަން މިހާރު ސާބިތުވެގެން ގޮސްފައިވާކަމަށެވެ. އެގޮތުން މި ގައުމަކީ މިނިވަންކަމަށް ލޯބިކުރާ ގައުމެއް ކަމަށް ބައިނަލްއަގުވާމީ ހުރިހާ ފަރާތްތަކަކަށްވެސް މިހާރު ސާފު ވެގެންދާނެ ކަމަށާއި ދިވެހިންނަށް މުހިންމީ ދިވެހިން ބޭނުންވާކަންކަން ދިވެހީން އަމިއްލައަށް ކުރުމަށްކަމަށް ރައީސް ވިދާޅުވިއެވެ.