ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަގާމަށް، ސ.ހިތަދޫ، ސަންސެޓްވިލާ، ހީނާ ވަލީދު މިއަދު އައްޔަނުކުރައްވައިފިއެވެ.

Ads by Asuru

މިއީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަގާމުގެ މަސްއޫލިއްޔަތާ އަންހެން ބޭފުޅަކު ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމަށް ހީނާ ވަލީދު އައްޔަނު ކުރައްވާފައިވަނީ، އެކަމަނާ މިހާރު ހުންނެވި އެންސްޕާގެ ސީއީއޯގެ މަގާމު އަދާކުރައްވަމުން ގެންދަވާގޮތަށެވެ.

އަދި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސް ޕާސަންގެ ގޮތުގައި ހީނާ ވަލީދު ހިދުމަތްކުރައްވަމުން ގެންދަވާނީ، މުސާރަ ނުނަންގަވާ މަގާމެއްގެ ގޮތުގައެވެ.

މީގެ ކުރިން ހީނާ ވަލީދު ވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕޮލިޓިކަލް ޑިރެކްޓަރކަމާއި، ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާގެ ގިނަ މަގާމުތަކެއް ފުރުއްވާފައެވެ.

އަދި ރާއްޖޭގެ ގައުމީ މީޑިއާގައި ދިގު މުއްދަތަކު ހިދުމަތްކުރައްވާފައެވެ. ޕަބްލިކް ސަރވިސް މީޑިއާގެ ހެޑް އޮފް ނިއުސްގެ މަގާމުވެސް ހީނާ ވަނީ އަދާކުރައްވާފައެވެ.

ޗީފް ސްޕޯކްސްޕަރސަން އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަގާމަށް އައްޔަނުކުރެއްވި ހީނާ ވަލީދު މަތީ ތައުލީމު ހާސިލްކުރައްވާފައިވަނީ މާސް ކޮމިއުނިކޭޝަން ޖަރނަލިޒަމް އެންޑް އެޑްވަރޓައިސްމަންޓްގެ ދާއިރާއިންނެވެ.