މި ސަރުކާރާއެކު ކޮންމެ ބޭފުޅަކަށްވެސް މަސައްކަތް ކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރު އަބްދުއްރަހީމް އަބްދުއްލާ ވިދާޅުވެއްޖެއެވެ.

Ads by Asuru

20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރަށް ލިބުނު ކާމިޔާބީއާ ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ހިޔާލު ތަފާތުވުންތައް އުފެދުނު ނަމަވެސް މި ސަރުކާރާއެކު މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށްވެސް އެފަދައިން މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ހިޔާލު ތަފާތުވުންތައް އުފެދުމުން އެކަންތައްތައް ހައްލު ކުރުމަކީ އިސްކޮށް ތިއްބަވާ ބޭފުޅުންގެ ޒިންމާއެއް ކަމަށާއި ވާހަކަ ދައްކައިގެން ހައްލު ނުކުރެވޭނެ ކަމެއް އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ވަރަށް ގިނަ ކަންތައްތައް ދިމާވި ކަމަށާއި ވަރަށް ގިނަ ހިޔާލު ތަފާތުވުންތައް ވެސް ދިމާވިކަމަށެވެ. ނަމަވެސް ކޮންމެ ބައްދަލުވުމެއްވެސް ނިންމާލަނީ ހުރިހާ ބޭފުޅުންވެސް އެކައްޗެއް ކިޔައިގެން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒުވެސް ރޭގައި ގޮވާލެއްވި ފަދައިން، މި ސަރުކާރާއެކު މަސައްކަތް ކުރަން ވަޑައިގަތުމަށް ސިޔާސީ ފަރާތްތަކަށް ގޮވާލައްވާކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ އެންމެންވެސް މިއުޅެނީ ގައުމަށް ހިދުމަތްކޮށް، ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައިދިނުމަށް ކަމަށްވާއިރު، ޕީޕީއެމް/ޕީއެންސީގެ ޕްލެޓްފޯމް ސިޔާސީ ފަރާތްތަކަށް ހުޅުވާލެވިފައިވާކަމަށެވެ.