ސްޕެޝަލް އިކޮނޮމިކް ޒޯނުގެ އިސްވެސްޓަރުންގެ ބޯޑުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފްލޯޓިން ސޯލާ ޕްރޮޖެކްޓެއް ހިންގުމުގެ ފުތަމަ އިނީޝިއަލް ޕާމިޓު ދޫކޮށްފިއެވެ.

Ads by Asuru

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ޕްރޮޖެކްޓުގެ ދަށުން 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކަރަންޓުގެ ޑިމާޏްޑުގެ 33 އިންސައްތަ އާރުއީ ވަސީލަތްތައް މެދުވެރިކޮށް ފުއްދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ފުދިގެންދާނެ ކަމަށެވެ.

މި ޕްރޮޖެކްޓު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކެނެޑާގެ ކުންފުންޏެއް ކަމަށްވާ އަބްރަކްސަސް ޕަވަރ ކޯޕް އިން އެކުންފުނީގެ ޓެކްނިކަލް ޕާޓްނަރ ސަންގްރޯ ޕަވަރ ސަޕްލައި ކޯ ލިމިޓެޑާއެކުއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓުގެ ދަށުން މާލެ ސަރަހައްދުގައި 150 މެގަވޮޓްގެ ފްލޯޓިންގ ފޮޓޯ ވޮލްޓައިކް (ޕީވީ) އިންޖީނުގެއާއި އެއާ ގުޅުންހުރި ސިވިލް އަދި އިލެކްޓްރިކަލް އިންފްރާސްޓްރަކްޗަރ ގާއިމުކޮށް، ލީ އޮން ބެޓެރީ ސިސްޓަމަކާއި އެނަރޖީ މެނޭޖްމަންޓް ސިސްޓަމަކާއި މައި ޕަވަރ ގްރިޑާ އިންޓަކަނެކްޝަނަށް ބޭނުންވާ އިންވެސްޓްމަންޓްތައް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިނިޝިއަލް ޕާމިޓުގައި ހިމެނެނީ އެސްއީޒެޑް ގާނޫނުގެ ދަށުން އިތުރު ދިރާސާތަކާއި އެސެސްމަންޓްތައް ކުރިއަށް ގެންދިއުމަށާއި، ޕްރޮޖެކްޓްގެ ވިޔަފާރީގެ ޝަރުތުތަކާއި ތަފްސީލީ ސްކޯޕާ ގުޅޭ ގޮތުން ފޯމު ހުށަހަޅާ ފަރާތާ އެކު މަޝްވަރާތަކުގައި ބައިވެރިވުންކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ސަރުކާރުން ދެކޭ ގޮތުގައި މި މަޝްރޫއަކީ ރާއްޖެއަށް ސްޓްރެޓެޖިކް ވެލިއުއެއް ކަމަށާއި، މިއީ ކޮންވެންޝަނަލް ހަކަތައިގެ ވަސީލަތްތަކުގެ ބަދަލުގައި އިއާދަކުރަނިވި ވަސީލަތްތައް ބޭނުންކުރުމަށް އެހީތެރިވެދޭ ޕްރޮޖެކްޓެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކަރަންޓުގެ ޑިމާންޑުގެ މަދުވެގެން 33 އިންސައްތަ އިއާދަކުރަނިވި ވަސީލަތްތައް މެދުވެރިކޮށް އުފެއްދުމަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދާ ވަރަށް ބޮޑަށް މި ޕްރޮޖެކްޓު ގުޅިފައިވާއިރު، މި ޕްރޮޖެކްޓުގެ ދަށުން ފޮސިލް ފިއުލް ބިލްތައް ބަދަލުކޮށް، ދިގު މުއްދަތަށް ހަކަތައިގެ އަގުކަނޑައެޅުމާއި، އެފިޝަންސީ ރާއްޖެއަށް ހޯދައިދީ، ބޭރު ފައިސާ ރައްކާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ދިވެހި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އުފައްދައިދޭނެ އިއާދަކުރަނިވި ހަކަތައިގެ ނިޒާމެއް ގާއިމުކުރުންކަމުގައި ރައީސުލް ވިދާޅުވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި ކުރިއަށްދިޔަ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ގައުމީ ބަޔާން އިއްވަވަމުންނެވެ.