ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް އިތުރު ފުރުސަތެއް ހައުސިން މިނިސްޓްރީން ދީފިއެވެ.
ގުޅީފަޅަށް ގޯތި ބަދަލު ކުރަން ނިންމީ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައި ވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތި ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
އަދި ހިދުމަތްތަކާ އެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލު ކުރުމަށް ނިންމީ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްސީލު:
* 1250 އަކަފޫޓުގެ 193 ގޯތި
* 1650 އަކަފޫޓުގެ 663 ގޯތި
* 2050 އަކަފޫޓުގެ 487 ގޯތި
* 2450 އަކަފޫޓުގެ 4 ގޯތި
ގިރާވަރުފަޅުން ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ މީހުންނަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް މި މަހުގެ 13 ގެ ނިޔަލަށް ހުށަހެޅޭނެއެވެ.