އިއްޔެ ތ.ގާދިއްފުއްޓާއި، މ.ދިއްގަރު ކައުންސިލްގެ ބައި-އިލެކްޝަންތައް، އެމްޑީޕީގެ ކެންޑިޑޭޓުންތަކަކަށް ކާމިޔާބުވުމަކީ އެ ޕާޓީ އަށް ލިބުނު ކާމިޔާބީއެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް ކުރެއްވި ޓްވީޓެއްގައި ވަނީ އެ މީހުންގެ ކެމްޕޭން ޓީމަށް ވެސް މަރުހަބާ އާއި ޝުކުރު ދަންނަވައިފައެވެ.

އިއްޔެ ބޭއްވި ބައި-އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް ޒުލައިހާ އަހުމަދު ކާމިޔާބުކުރެއްވީ އިތުރު ދެ ކެންޑިޑޭޓަކާ ވާދަކުރައްވައެވެ. އެއީ ޕީޕީއެމާއި އެމްއާރްއެމްގެ ކެންޑިޑޭޓެވެ. އިންތިހާބުގައި ޒުލޭހާ އަށް 210 ވޯޓް ލިބުނެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ހައްވާ އަބްދުލްހާދީ އަށް 201 ވޯޓް ލިބުނު އިރު، އެމްއާރްއެމްގެ ކެންޑިޑޭޓް ފާޠިމަތު މަލްދާ އަށް ލިބުނީ ހަތަރު ވޯޓެވެ.

ދިއްގަރުގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އާރިފް ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓަކާ ވާދަކޮށްގެންނެވެ. އެގޮތުން އޭނަ އަށް ވަނީ 375 ވޯޓު ލިބުނު އިރު، ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުލްހަންނާނަށް ލިބުނީ 325 ވޯޓެވެ.