ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު މާދަމާ އިންޑިއާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
މިކަން ހާމަކޮށް ފޮރިން މިނިސްޓްރީއިން ބުނީ މިނިސްޓަރު ޒަމީރުގެ މި ދަތުރަކީ މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރެއް ކަމަށެވެ.
މިއީ ފޮރިން މިނިސްޓަރު ޒަމީރު މިނިސްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.
ފޮރިން މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުން މިނިސްޓަރު ޒަމީރުގެ މި ދަތުރުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ އެސް ޖައިޝަންކަރާ ބައްދަލުކުރައްވާނެއެވެ. އަދި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް ފުޅާކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ.