ދިވެހިރާއްޖޭގެ ރައްޔިތުން ތިބީ ރައީސް ޔާމީން އަބްދުލްގައްޔޫމަށްޓަކައި ކެތްމަދުވެފައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ސަންގު ޓީވީން ގެެނެސްދިން ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ޖަމީލު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، ދިވެހި ރައްޔިތުން ރައީސް ޔާމީނަށް ދެވަނަ ފަހަރަށް ވެރިކަން ދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް ޔާމީންގެ ވެރިކަމުގެ ތަފާތު ރައްޔިތުންނަށް ވަރަށް ރަނގަޅަށް ފެނިއްޖެ ކަމަށެވެ.

އެގޮތުން ކޮންމެ ދާއިރާއަކުން ބެލިޔަސް، އެމަނިކުފާނުގެ ޒައާމަތުގައި ރާއްޖެ ތަރައްގީވެފައިވާއިރު،  ރައްޔިތުން އެމަނިކުފާނު އުފަލާއެކުގައި ބަލައިގަންނާނެ ކަމަށް ވިދާޅުވިއެވެ.

ޖަމީލުު އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ރަނިންމޭޓަކަށް ވުމާމެދު މިވަގުތު އެއްވެސް ވަރަކަށް ނުވިސްނަވާ ކަމަށާއި 24 ގަޑިއިރުހެން ގޮތަކަށް މިހާރު އުޅުއްވަނީ ގާނޫނީ މަސައްކަތުގެ ތެރޭގައި ކަމަށެވެ.