މިއަހަރުގެ މާޗު މަހާއި އަޅާބަލާއިރު އެޕްރީލް މަހު ޑެންގީ ހުމުގެ ކޭސްތައް އިތުރުކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުން ދައްކައިފިއެވެ.

Ads by Asuru

އޭޕްރީލްމަހު ޑެންގީގެ 244 ކޭސްއެއް ވަނީ ރިޕޯޓް ކޮށްފައިވާއިރު، މިއީ މިދިޔަ މާޗު މަހާއި އަޅާބަލާއިރު އިތުރު އަދަދެކެވެ. އެގޮތުން މާޗު މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވަނީ 119 ކޭސްއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި، މިއަހަރުގެ މާޗު މަހާއި އަޅާބަލާއިރު ޑެންގީ ކޭސްތައް އިތުރުވެފައިވީ ނަމަވެސް، މިދިޔަ އަހަރުގެ އެޕްރީލް މަހާއި އަޅާބަލާއިރު މިއަހަރު ރިޕޯޓްކޮށްފައިވާ ކޭސްތަކުގެ އަދަދު މަދެވެ.

އެގޮތުން މިދިޔަ އަހަރު އެޕްރީލް މަހު ޑެންގީ ހުމުގެ 330 ކޭސް ރިޕޯޓްކޮށްފައިވާއިރު، މިދިޔަ އަހަރު މާޗު މަހު ރިޕޯޓުކޮށްފައިވަނީ 229 ކޭސްއެވެ.

ޑެންގީއަކީ އީޑީޒް މަދިރިން ޖައްސާ، ނުރައްކާތެރި ހުމެކެވެ. މިހާރު ރާއްޖޭގައި ފެތުރެމުން އަންނަ ޗިކުންގުންޔާ ވެސް ޖެހެނީ، މި މަދިރީގެ ސަބަބުންނެވެ.