މާލެ ސަރަހައްދުގައި ގިނަ ފަސިންޖަރުން އެއް ފަހަރާ އުފުލޭ ވަރުގެ ބޮޑެތި އުޅަނދުތަކަށް ޓެކްސީ ކުރެވޭނެ ހާއްސަ އަގުތަކެއް ކަނޑައަޅައިފިއެވެ.

Ads by Asuru

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ، ވޭން ނުވަތަ ހަތް ސީޓާއި 10 ސީޓާއި ދެމެދުގެ އުޅަނދުތަކުގައި ކުރާ ދަތުރުތަކަށް ކަނޑައެޅިގެން ވަކި އަގުތަކެއް މީގެ ކުރިން ހަމަޖައްސާފައި ނުވާކަން ފާހަގަކޮށް، އަލަށް ކަނޑައެޅި އަގުތައް މިއަދު އިއުލާނު ކޮށްފައެވެ.

ޓެކްސީ ކުރުމުގެ އަގުތަށް ކަނޑައަޅާފައިވަނީ ދަތުރުކުރެވޭ ސަރަޙައްދާއި ޕެޓްރޯލް ހަރަދާއި އެފަދަ ކަންކަމަށް ބެލުމަށްފަހު، ޓެކްސީ ޑްރައިވަރުންނާއި ހިދުމަތް ހޯދާ މީހުންގެ މަސްލަހަތަށް ބުރުނާރާނެ ގޮތަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

ހަތަކާއި 10 ދެމެދުގެ ފަސިންޖަރުން އުފުލެވޭނެ އުޅަނދުތަކުގައި މާލެ، ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އެތެރޭގައި ދަތުރުކުރެވޭނީ 45 ރުފިޔާއަށެވެ. އަދި މާލެއިން ހުޅުމާލެ ފުރަތަމަ ފިޔަވައްސަށް ކުރާ ދަތުރަކަށް 130 ރުފިޔާ ކަނޑައަޅާފައިވާއިރު، މާލެއިން ހުޅުމާލެ ދެވަނަ ފިޔަވައްސަށް ދަތުރު ކުރެވޭނީ 155 ރުފިޔާއަށެވެ. އަދި މޭލެއިން އެއާޕޯޓަށް ކުރާ ދަތުރުގެ އަގަކީ 110 ރުފިޔާއެވެ.

މީގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވައްސާ ދެމެދުގައި ކުރާ ދަތުރަކަށް ނެގޭނީ 60 ރުފިޔާކަމަށް ޓްރާންސްޕޯޓުން ވަނީ ކަނޑައަޅާފައެވެ.

އަދި ހުޅުމާލެ ފުރަތަމަ ފިޔަވަހިން އެއަޕޯޓަށް ކުރާ ދަތުރަކަށް ނެގޭނީ 125 ރުފިޔާކަމަށް ވަނީ ކަނޑައަޅާފައެވެ. ހުޅުމާލެ ދެވަނަ ފިޔަވަހިން އެއާޕޯޓަށް ދަތުރުކުރެވެނެކަމަށް ކަނޑައަޅާފައިވަނީ 130 ރުފިޔާއަށެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ، ޑޮމެސްޓިކް ޓާމިނަލްއަށް ކުރާ ދަތުރުތަކުން، އެއަރޕޯޓްއަށް ކަނޑައަޅާފައިވާ އަގުގެ އިތުރަށް ހަ ސީޓަށް ވުރެ ދަށުގެ އުޅަނދުތަކަށް 10 ރުފިޔާ ނެގޭ ގޮތަށް ހަމަޖައްސާފައެވެ.

އަދި ހަތަކާއި، 10 ސީޓުގެ އުޅަނދުތަކަށް އިތުރަށް 15 ރުފިޔާ ނެގޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މިހާރު ވަނީ ޓެކްސީތަކަށް އަރުވާ ލަގެޖްގެ ތެރެއިން ތިން ލަގެޖްއަށް ވުރެ އިތުރުވާ ކޮންމެ ލަގެޖަކަށް ފަސް ރުފިޔާ ނެގޭ ގޮތަށް ހަމަޖައްސާފައެވެ.

ހަތަކާއި 10 ސީޓާ ދެމެދުގެ އުޅަނދުތަކުގެ ދަތުރުތަކަށް އަގު ކަނޑައަޅާފައިވާއިރު، ހަ ސީޓަށް ވުރެ ދަށުގެ އުޅަނދުތަކުގައި ކުރާ ދަތުރުތަކުގެ އަގުތައް ހުރީ 2022 ވަނަ އަހަރު ކަނޑައެޅި އަގުތަކާ އެއްގޮތަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ކަނޑައަޅާފައިވާ އަގުތަކަށް ޓެކްސީގެ ހިދުމަތް ދެ ފާރާތްތަކުން އަމަލު ކުރޭތޯ ފުލުހުންނާއި ގުޅޮގެން ގާތުން ބަލާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.