މުހިންމު ދެ މަޝްރޫއުއެއް ކުރިއަށް ގެންދިޔުމަށް ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް(އެސްއެފްޑީ) އިން ރާއްޖެ އަށް ލޯނު ދީފިއެވެ.

Ads by Asuru

އެ ފަންޑުން ލޯނު ދިނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގެ މަސައްކަތް ނިންމުމަށާއި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށެވެ.

ސައުދީ ފަންޑުން ރާއްޖެއަށް ދިން 150 މިލިއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމުގައި މިއަދު ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ. ސައުދީ ފަންޑުގެ ފަރާތުން ސޮއި ކުރެއްވީ އެ ފަންޑުގެ އެންމެ އިސްވެރިޔާ އަދި ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދެވެ.

މި ލޯނުތަކުގެ ތެރެއިން 1.5 ބިލިއަން ރުފިޔާއަކީ ވީއައިއޭގެ އާ ޓާމިނަލް މަޝްރޫއުއަށް ދިން ލޯނެކެވެ. އަދި 50 މިލިއަން ޑޮލަރު ނުވަތަ 770 މިލިއަން ރުފިޔާ އަކީ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ދިން ލޯނެކެވެ.

ސައުދީ ފަންޑުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވަނީ މި ލޯނުތައް ދޭނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރަށް ދީފައެވެ.

ލޯނު އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު ޝަފީގު ވިދާޅުވީ ސައުދީ ފަންޑަކީ ރާއްޖެއަށް ބޭނުންވާ ތަރައްގީގެ ތަފާތު މަޝްރޫތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ފަންޑެއް ކަމަށެވެ.

އަދި މުސްތަގްބަލުގައި ވެސް، އެ ފަންޑުގެ ފަރާތުން ރާއްޖެއަށް އެހީ ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

 

ސައުދީ ފަންޑުގެ ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދު މިއަދު ދެއްކެވި ވާހަކައިގައި އެކި އަހަރުތަކުގެ މަތިން، ވީއައިއޭ ތަރައްގީ ކުރުމަށް އެ ފަންޑުން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ސިއްހީ ދާއިރާގެ ތަރައްގީއަށް ދޫކުރި 50 މިލިއަން ޑޮލަރުގެ ލޯނާއި އެކު ރާއްޖޭގައި 150 އެނދުގެ ތިން ހޮސްޕިޓަލެއް ތަރައްގީ ކުރުމަށް ވަނީ ނިންމާފައެވެ.