މި އަހަރުގެ އަޟްހާ އީދު ފާހަގަކުރަން ހުޅުވާލި ފުރުސަތުގައި 26 ރަށަކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

Ads by Asuru

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ މިނިސްޓްރީން ބުނީ ބޮޑު އީދު ކުލަ ގަދަކޮށް ފާހަގަ ކުރުމަށް ހުޅުވާލި ފުރުސަތުގައި ރަނގަޅު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

އަދި ލިބުނު ހުށަހެޅުންތައް ބަލައި ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ޕްރޮޕޯސަލް ހުށަހެޅުން އެދި، މިނިސްޓްރީން ކުރި އިއުލާނާ އެއްގޮތަށް 26 ރަށަކުން ޕްރޮޕޯސަލް ހުށަހެޅި ކަމަށް މިނިސްޓްރީން ބުނެއެވެ.
އީދު ފާހަގަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅި ރަށްތަކަށް ބަލާއިރު، ރާއްޖޭގެ އުތުރުން ހަތް ރަށަކާއި، މެދުރާއްޖެތެރެއިން 10 ރަށަކާއި، ރާއްޖޭގެ ދެކުނުން ނުވަ ރަށް ހިމެނެއެވެ.

ޖޫން މަހުހެ ސަތާރަ ވަނަ ދުވަހު ފާހަގަކުރާ އަޟްހާ އީދު ދުވަސް، ކުލަ ގަދަކޮށް ފާހަގަކުރުމަށް ރާއްޖޭގެ ތިން ރަށެއް ކަނޑައަޅާނެއެވެ.

އަދި ރަށްތައް ކަނޑައެޅުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި، އީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކުރާނެ ހަރަދުތަކާއި، އަގެއް ނުނަގައި އެރަށަކުން ކޮށްދޭނެ ކަންތައްތައް ހިމެނެއެވެ.

އަދި އިއުލާނާއެކު ޕްރޮފޯސަލްގައި ހިމެނެން ބޭނުންވާ މައިގަނޑު ބައިތައް ހިމެނޭ ލިޔުމާއި އަޟްހާ އީދު ފާހަގަކުރާ ރަށްރަށް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ހިމެނޭ ލިޔުން އެއްކަރުދާސް ކޮށްފައިވެއެވެ.