އެންމެ ދެކެން ބޭނުންވާ ދުވަހަކީ، އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ، ރާފިޔަތު ރަމީޒު ލަވަ ކިޔުން ހުއްޓާލާނެ ދުވަސް ކަމަށް ދާރިސް ޓީވީގެ ސްޓޭޝަން މެނޭޖަރު، އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިއުޒިކާއި ލަވަ ކިޔުމާއި ދުރަށް ގޮސް، އެއީ އިސްލާމް ދީނުގައި، މާތްﷲ ހަރާމް ކުރައްވާފައިވާ ކަމެއްކަން ބުނެދީ، މީހުން ހޭލުންތެރި ކުރަން މަސައްކަތް ކުރަމުންދާ އަލީ ވަނީ، ކަރޯކޭ ޗެލެންޖެއް ބޭއްވުމާ ދެކޮޅަށް ވެސް ފޭސްބުކާއި އެކްސްގައި ޝުއޫރުފާޅުކުރައްވައިފައެވެ.

މިއުޒިކާ ގުޅޭގޮތުން މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އާދަމް ޝަމީމް ދެއްވާފައިވާ ދަރުސްއަކުން ނަގާފައިވާ ވީޑިއޯއެއް އަލީގެ ފޭސްބުކްގައި ޕޯސްޓު ކުރުމުން، މީހަކު ކުރި ކޮމެންޓެއްގައި ވަނީ ރާފިޔަތު ލަވަ ކިޔުން ހުއްޓުވަން އެދިފައެވެ. އެ މީހާއަށް ދިން ޖަވާބުގައި އަލީ ވިދާޅުވީ، ރާފިޔަތު ލަވަކިޔުން ހުއްޓާލާނެ ދުވަހަކީ މި ދުނިޔޭގައި އޭނާ އެންމެ ދެކެން ބޭނުންވާ ދުވަސް ކަމަށެވެ.

”ﷲ އަޅުގަނޑަށް އެ ދުވަސް ދައްކަވާށި. އާމީން.“ އަލީގެ ކޮމެންޓުގައިވެއެވެ.

އަލީގެ ކޮއްކޮ އިބްރާހީމް ރަމީޒު ވެސް ވަނީ ލަވަ ކިޔުން ހުއްޓާލާފައެވެ.

އަލީ ރަމީޒު މިއުޒިކާއިއެކު ލަވަ ކިޔުމާއި ދުރަށް ދިޔަ ނަމަވެސް، މިއުޒިކް ނުހިމަނައި، މަދަހަތައް ކިޔުއްވައި، އާއްމު ކުރައްވައެވެ. އޭނާގެ މަދަހަތަކަށް އާއްމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެއެވެ.