އީރާނުގެ ރައީސް ޑރ. އިބްރާހީމް ރައީސީއާއި އެ ގައުމުގެ މަތީ ފަންތީގެ ވަފުދެއް ދަތުރުކުރަމުންދިޔަ ހެލިކޮޕްޓަރަށް ދިމާވި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Ads by Asuru

މީސް މީޑިއާ ޕްލެޓްފޯމް، އެކްސްގައި ރައީސް މުއިއްޒު މިރޭ ކުރެއްވި މެސެޖުގައި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގަޔާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ވަނީ ’ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް‘ ކާމިޔާބު ލިބުމަށް އެދިވަޑައިގަންނަވާފައެވެ.

އަދި ދަތުރުގައި ހިމެނިވަޑައިގަންނަވާ އެންމެހާ ބޭފުޅުން ހެޔޮ ހާލުގައި އަވަހަށް ފެނުމަށް އެދިވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އީރާނުގެ ރައީސް އާއި ހާރިޖީ ވަޒީރު ދަތުރު ކުރެއްވި ހެލިކޮޕްޓަރު ވެއްޓުނީ މޫސުން ގޯސް ވުމުންނެވެ.

އެ އުޅަނދު ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، ހެލިކޮޕްޓަރުގައިވާ ފަޅުވެރިޔަކާއި ގުޅިފައިވާ ކަމަށް ޚަބަރު ލިބެއެވެ. އަދި ހެލިކޮޕްޓަރު ފެނިފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރިއިރު، އީރާނުގެ ރެޑް ކްރެސެންޓުން، މި ވާހަކަ ދޮގު ކުރެއެވެ.