ރައްޔިތުންގެ އަތުގައި އޮތް ވެރިކަމުގެ ބާރު، އެގޮތުގައި ދެމެހެއްޓޭނީ ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮވެގެން ކަމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރެއްވުމަށް ރައީސް ނަޝީދު މަސައްކަތް ފައްޓަވާފައިވާ މިދަނޑިވަޅުގައި ކުރެއްވި ޓްވީޓެއްގައި ރަައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ގާސިމް ވިދާޅުވެފައިވަނީ ރައީސާއި، މަޖިލިސް މެމްބަރުން ހޮވަނީ ސީދާ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.

ބަރުލަމާނީގައި ގައުމު ހިންގަން ހަވާލުވާ ބޮޑުވަޒީރަކީ ރައްޔިތުން ސީދާ އިންތިހާބު ކުރާ ފަރާތެއް ނޫނެވެ. ގާސިމްގެ ޓްވީޓުގައިވެެއެވެ.

ބަރުލަމާނީ ނިޒާމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ރައީސް ނަޝީދު އިސްވެ ހުންނަވައި ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ ނިޒާމީ ވޯޓެއް ނުނަގާނަމަ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެކޮޅަށް މަސައްކަތް ކުރައްވާނެކަން ހާމަކުރައްވާފައެވެ.

އެމްޑީޕީގެ ހަރުގޭގައި ރޭ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރު ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ %42 މީހުން ވޯޓް ދިނީ ޕީޕީއެމްއަށް ކަމަށާއި އެއީ އަދިވެސް އެމްޑީޕީގެ ސަރުކާރަކާއިއެކު މަސައްކަތް ކުރާނެ ބައެއް ނޫން ކަމަށެވެ.

ވޯޓްލުމުގެ ހައްގު ލިބިފައިވާ 233000 މީހުންގެ ތެރެއިން ޕީޕީއެމްއަށް ލިބުނު 98000 އުނިކުރީމާ ބާކީ ތިބީ 135000 މީހުން ކަމަށާއި މިބާކީ ތިބި މީހުންގެ ތެރެއިން %12 އަކީ ޖުމްހޫރީ ޕާޓީން ނަގާނެ އަދަދެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެއީ 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބޭއްވި ހުރިހާ އިންތިހާބެއްގެ ނަތީޖާ ދިރާސާ ކުރުމުން އަންނަ އަދަދެއް ކަމަށާއި، 16000 ވޯޓް ޖުމްހޫރީ ޕާޓީއަށް ކަަމަަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ނިޒާމީ ވޯޓެއް ނުލިބިއްޖެނަމަ %42 ވޯޓް އެމްޑީޕީ އާއި ދުރުވާނެ ކަމަށެވެ.