ދިވެހިރާއްޖެއަށް އެންމެ ފައިދާ ބޮޑު ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by Asuru

ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ އޭނާ ފެށުނީއްސުރެ ތާއީދު ކުރައްވަނީ ބަރުލަމާނީ ނިޒާމަށް ކަމަށެވެ. ޝަރީފު ވިދާޅުވި ގޮތުގައި، ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް އިތުރު ވޯޓެއް ނެގުމަކީ ހަރަދުވެސް ބޮޑު ކަަމަކަށްވެފައި، އެކަމަށް ދިވެހި ރައްޔިތުން އެދޭނެ ކަމަށް އޭނާއަށް ގަބޫލެއް ނުކުރެވެއެވެ.

އޭނާ ވިދާޅުވީ ވެރިކަން ކުރުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރާއި އަދުލު އިންސާފުގެ ބާރު އޮންނަން ޖެހޭނީ ވަކިން ކަމުގައި ދިވެހި ރައްޔިތުން ގަބޫލު ކުރާ ކަމަށެވެ.

ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވެންޖެހޭނެ. އަދި ހަމައެއާއެކު އެއްބަޔަކު އަނެއް ބަޔަކަށް ނުފޫޒު ނުފޮރުވޭ ގޮތެއްގައި ތިބެން ޖެހޭނީ.

ބަރުލަމާނީ ނިޒާމަކަށް މަސައްކަތް ފައްޓަވައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީގެ ކޮންގްރެސް އަށް ވެސް ހުށަހަޅުއްވައިފައެވެ.

ނަމަވެސް އެކަމަށް ތާއީދެއް ނެތްކަން ހާމަކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ އެ ގަރާރު އަނބުރާ ގެންދަވަން އެދިވަޑައިގެންފައެވެ.

ނަޝީދު ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާއިރު، ރާއްޖޭގެ ސިޔާސީ ލީޑަރުން އެ ނިޒާމާ ދެކޮޅެވެ.

ބަރުލަމާނީ ނިޒާމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ރައީސް ނަޝީދު އިސްވެ ހުންނަވައި ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ ނިޒާމީ ވޯޓެއް ނުނަގާނަމަ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެކޮޅަށް މަސައްކަތް ކުރައްވާނެކަން ހާމަކުރައްވާފައެވެ.