ވައުދާ އެއްގޮތަށް މަޝްރޫއުތައް ނިންމަން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ށ.ފޭދޫގެ ކައުންސިލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމާ ގުޅޭގޮތުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި، ފޭދޫގެ ކައުންސިލަރުންނާ ބައްދަލުކޮށް، ރައްޔިތުންގެ ބޭނުންތަކާމެދުގައި މަޝްވަރާ ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފަލެއް ކަމުގައެވެ.

ފޭދޫގެ ތަރައްގީއަށް ކުރަމުންދާ ކަންކަން ރައްޔިތުން ބަލައިގަންނާތީ އުފާކުރަން.

ފޭދޫ ކައުންސިލަރުންނާއެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ، ސަރުކާރުން ފޭދޫގައި ކުރިޔަށް ގެންދާ ކަންކަން އެރަށުގެ ރައްޔިތުން ބަލައިގެންފައިވުމުން އެކަން ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ސޯލިހު، ފޭދޫގެ ކައުންސިލަރުންނާ ބައްދަލު ކުރައްވަނީ– ފޮޓޯ/ ރައީސް އޮފީސް–

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ ބަނދަރުގެ މަޝްރޫޢު ނިމިގެން ދާއިރު ރަށުގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރެވިގެންދާނެކަމުގައި ފާހަގަކުރައްވާފައެވެ.

އަދި ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ފާހަގަކުރެއްވި ކަންކަން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކުރައްވައި ބައްލަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.