ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ޓިކެޓު، އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމަށް އަރުވައިފިއެވެ.

Ads by Asuru

އެމަނިކުފާނަށް ރިޔާސީ ޓިކެޓު އެރުވީ، މިރޭ ކާނިވާ ސަަރަހައްދުގައި ”ހަވާލޭ ވަތަން“ގެ ނަމުގައި ބޭއްވި ބޮޑު ޖަލްސާއެއްގައެވެ. ރިޔާސީ ޓިކެޓު، ހއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމަައަށް ޕީޕީއެމް ތަމްސީލު ކުރާ އާންމު މެމްބަރުންގެ ބައިވެރިވުމާއެކު، އެމަނިކުފާނަށް އެރުވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމެވެ.

ރައީސް ޔާމީނަށް އިދިކޮޅު ޕީޕީއެމްގެ ޓިކެޓު ދިނުމަށް ޕީޕީއެމްއާއި ޕީއެންސީގެ ޖޮއިންޓް ކައުންސިލުން ނިންމާފައިވަނީ މިދިޔަ މަހުގައެވެ.

އެމަނިކުފާނަށް ރިޔާސީ ޕްރައިމަރީއަކާ ނުލައި، ރިޔާސީ ޓިކެޓު އެރުވީ، ޕީޕީއެމްގެ އަސާސީ ގަވައިދުގެ 45 ށގެ ދަށުންނެވެ. އެ މާއްދާގައިވާ ގޮތުން، ޕީޕީއެމްގެ މެމްބަރަކު ވެރިކަމުގެ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވައިފިނަމަ، ޕްރައިމަރީއަކާ ނުލާ އެ މެމްބަރަކަށް ރިޔާސީ ޓިކެޓު ދިނުމަށް ޕާޓީގެ ސެނެޓަށް ނިންމޭނެއެވެ.

ރައީސް ޔާމީނަށް ރިޔާސީ ޓިކެޓު އެރުވުމަށް ބާއްވާ ޖަލްސާގެ ތެރެއިން– ފޮޓީޯ/ ޕީޕިއެމް

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ ދެބަޔަކީ ޒުވާނުން ކަމަށާއި، ޒުވާނުންނަކީ ގައުމުގެ މިހާރާއި މުސްތަގްބަލު ކަމަށެވެ.

އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ޒުވާނުންނަށްޓަކައި އެއްލައްކައަށްވުރެ ގިނަ ވަޒީފާ އުފެއްދިއިރު، މި ސަރުކާރަށް ހަތަރު އަހަރުގެ ތެރޭގައި އުފެއްދުނީ އެންމެ ހަތަރު ހާސް ވަޒީފާ ކަމަށްވެސް ވިދާޅުވިއެވެ.