ރައީސް ޔާމީން އަބްދުލްގައްޔޫމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ޓިކެޓު އެރުވީ ދިވެހި ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދިނުމަށް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

Ads by Asuru

ހުކުރު ދުވަހުގެ ރޭ، ރައީސް ޔާމީނަށް ވަނީ ރަސްމީކޮށް އިދިކޮޅުގެ ރިޔާސީ ޓިކެޓު އަރުވާފައެވެ. އެކަމަށްޓަކައި ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީނަށް ތާއީދު ކުރާ ވަރަށް ގިނަ ބަޔަކު ބައިވެރިވިއެވެ.

އާދަމް ޝަރީފު ވިދާޅުވީ ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނަށް ދިނުމަށް ވަރަށް ގިނަ ދިވެހި ރައްޔިތުން އެދޭ ކަމަށެވެ. އަދި އެމަނިކުފާނަށް ރިޔާސީ ޓިކެޓު ދިނީ ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ރިޔާސީ ޕްރައިމަރީއަކާ ނުލައި، ރިޔާސީ ޓިކެޓު އެރުވީ، ޕީޕީއެމްގެ އަސާސީ ގަވައިދުގެ 45 ށގެ ދަށުންނެވެ. އެ މާއްދާގައިވާ ގޮތުން، ޕީޕީއެމްގެ މެމްބަރަކު ވެރިކަމުގެ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވައިފިނަމަ، ޕްރައިމަރީއަކާ ނުލާ އެ މެމްބަރަކަށް ރިޔާސީ ޓިކެޓު ދިނުމަށް ޕާޓީގެ ސެނެޓަށް ނިންމޭނެއެވެ.