އިދިކޮޅު ލީޑަރު، އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ބޮޑުބައި ނިންމީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމްޑީޕީގެ ކޮންގްރެސްގައި އަސްލަމް ވިދާޅުވީ މި ސަރުކާރާ ހަވާލުވިއިރު ބޯހިޔާވަހިކަމުގެ ބައެއް މަސައްކަތް ދިޔައީ ހިނގަމުން ކަމަށެވެ. އޭގެތެރެއިން ހުރިހާ މަސައްކަތެއްގެ ކްރެޑިޓް ނަގަން ބޭނުން ނުވިޔަސް، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ހިޔާ ފްލެޓް މަޝްރޫއުގެ ބައެއް ފްލެޓުތަކުގައި އަޅާފައި ހުރީ ހަމައެކަނި ފައުންޑޭޝަން ކަމަށް އަސްލަމް ވިދާޅުވިއެވެ.

”އަނެއް ބައި ފްލެޓުތައް ހުރީ ކޮންމެވެސް ވަރަކަށް ހަދާ ނިންމާފައި. ބޮޑުބައި އަޅުގަނޑުމެން އެ އޮތް ޕްލޭނާއެކީ ގޮސް ނިންމާލަދިނީ.“ އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ކުރީ ސަރުކާރުން ފެށި ”ވިނަރެސް“ ހައުސިން މަޝްރޫއުގެ ދަށުން އަޅަން ނިންމާފައި ހުރި ގިނަ ފްލެޓުތަކުގައި ފައުންޑޭޝަނެއް ވެސް ނެތް ކަމަށެވެ.

ހިޔާ މަޝްރޫއުގެ ”ކްރެޑިޓް“ އަސްލަމް ނެންގެވިއިރު، ހިޔާ ފްލެޓްތައް ތަޅާލަން ވިސްނެވި ކަމަށް އޭނާ މީގެ ކުރިން ހާމަކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މީގެ ކުރިން ވަނީ، ހިޔާ ފްލެޓްތައް ލިބުނު މީހުންގެ 80 އިންސައްތަވެސް، އެތަންތަނުގައި ނޫޅޭނެ ކަމަށް ވިދާޅުވެފައެވެ.