ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން، ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެެރޭގައި އުފެއްދީ 4،000 ވަޒީފާ ކަމަށް ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވުމުން، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެމަނިކުފާނަށް ރައްދު ދެއްވައިފިއެވެ.

Ads by Asuru

ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން ސަރުކާރަށް ފާޑުވިދާޅުވެ، ރައީސް ޔާމީން ވަނީ، ސަރުކާރުން ޒުވާނުންނަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި، ގިނަ އަދަދެއްގެ ވަޒީފާތައްވެސް އުފެއްދިފައިނުވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އެއްލައްކަހަތަރުހާހަށްވުރެ ގިނަ ވަޒީފާ އުފެއްދިއިރު، މި ސަރުކާރަށް ހަތަރު އަހަރުގެ ތެރޭގައި އުފެއްދުނީ އެންމެ ހަަތަރުހާސް ވަޒީފާ ކަަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅަށް ރައްދު ދެއްވައި އަމީރު ވިދާޅުވީ ފާއިތުވި ހަތަރު އަހަރު، ހަމައެކަނި އެމްޓީސީސީންވެސް 3973 ވަޒީފާ އުފައްދާފައިވާނެ ކަމަށެވެ.

އަދި އާރްޑީސީއާއި އެމްޓީސީސީން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި 5200 ވަޒީފާ އުފެއްދި ކަމަށް ވިދާޅުވިއެވެ.

”ދޮގާއި މަކަރު ހެދިޔަސް ހައްދެއް އޮންނަންވާނެ.“ އަމީރު ވިދާޅުވިއެވެ.