ރައްޔިތުން ބަލައިގަންނަ އެއްޗެއް ވިއްކެނީ ކޮން ސިޔާސީ ޕާޓީއަކަށްތޯ، އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ސުވާލު ކުރައްވައިފިއެވެ.

Ads by Asuru

2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޕާޓީތަކުން ކެމްޕެއިން ފަށާފައިވާއިރު، އަދާލަތު ޕާޓީން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް 2023ގައިވެސް ތާއީދު ކޮށްފާނެ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކާފައެވެ.

ނަމަވެސް މިހާރު އޮތް ކޯލިޝަނާއެކު ރިޔާސީ ރޭހަށް ނުކުންނަން، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީންވެސް އަދި ނިންމާފައެއް ނުވެއެެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2023 ވަނަ އަހަރުގެ މަންޒަރުގައި މަޑުމަޑުން ކުލަ ޖެހެން ފަށާފައިވާ ކަމަށެވެ. އަދި އެކި ޕާޓީތަކުން ވިއްކަނީ އެކި އެއްޗެހިކަން ރައްޔިތުންނަށް އެނގޭ ކަމަށާއި، ރައްޔިތުން އެންމެ ބަލައިގަންނަ އެއްޗެއް ވިއްކަނީ ކޮން ކެންޑިޑޭޓެއްތޯވެސް އޭނާ އެެއްސެވިއެވެ.

އަދާލަތު ޕާޓީންވެސް މަސައްކަތް ކުރަމުންދަނީ އެޕާޓީގެ މެމްބަރުން އިތުރު ކުރުމަށެވެ. އެޕާޓީގައި މިހާރު 11،000އަށްވުރެ ގިނަ މެމްބަރުން ތިބި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތަފާސް ހިސާބުން ދައްކައެެވެ.