ލިވާތު ކުރުމާއި ސިހާގު ކުރުން ބޮޑު ކުށަކަށް ހަދަން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅައިފިއެވެ.

Ads by Asuru

މި ދެ ކުށް ޖިނާއީ ބޮޑެތި ކުށުގެ ތެރޭގައި ހިމަނަން އިސްލާހު ހުށައެޅުއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމެވެ.

ގާސިމް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ އެއްޖިންސުން ގުޅުންހިންގާ މީހުންނަކީ މުޖުތަމައުއަށް ނުރައްކާތެރި ބައެއް ކަމާއިމެދު ޝައްކު ނުކުރައްވާ ކަމަށާއި، އެފަދަ މީހެއްގެ ފަރާތުން އެކަމުގެ އަސަރު ނުވަތަ އެފަދަ މީހެއްގެ ވަސްވާސް، އެމީހާގެ އާއިލާއަށާއި މުޅި މުޖުތަމައު އަށް ވެސް ފޯރާނެ ކަމަށެވެ.

އެގޮތުން އޭގެކުރިން އެފަދަ މީހުން މުޖުތަމައުއިން އެކަހެރި ކުރުމަކީ މުހިންމު ކަމެއް ކަމަށާއި އަދި މިފަދަ ބޮޑެތި ކުށްތަކަކީ އާދައިގެ ކުއްތަކެއްގެ ގޮތުގައި މުޖުތަމައުގައި އާންމުވެގެންދިއުމުގެ ބިރު އެބައޮތް ކަމަށްވެސް އެ އިސްލާހުގައިވެއެވެ.

މީގެއިތުރުން މިއީ މިފަދަ ފާހިޝް އަމަލުތައް ކުރާ މީހުންނާއި އެމީހުންގެ އަމަލުތަކުން ދިވެހިން ދުރުކޮށް، އެފަދަ މީހުން މުޖުތަމައުއިން އެކަހެރި ކުރުން އެއީ އެންމެ އައުލާކަން ބޮޑު ގޮތް ކަމަށް ދެކޭތީ ހުށަހެޅުއްވި އިސްލާހެއް ކަމަށްވެސް ބުނެފައިވެއެވެ.

ގާސިމް ވަނީ މި އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންގެ ތާއީދު ކުރެއްވުމަށް އެދިވަޑައިގެންފައެވެ.

މިފަދަ އިސްލާހެއް ގާސިމް ހުށަހަޅުއްވާފައިވާއިރު ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްއާއެކު ލިވާތުކުރި މައްސަލައާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް މިހާރު ވަނީ ހުށަހަޅާފަ އެވެ. އެ ހަތަރު މީހުންނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި ކުރިން މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއުއެވެ.

އަލަމްގީރުގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވާ، އިރު އަނެއް ތިން މީހުންގެ ތެރެއިން ކޮންމެ މީހަކަށް ކުރަނީ އެންމެ ދައުވާއެކެވެ.