ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިކްސްޑް ޔޫސް 10 ޓަވަރު އަޅަން ހުށަހަޅާ މީހުންގެ ތެރެއިން ހޮވޭ ފަރާތްތަކަށް ބިން ދޫކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ނިންމައިފިއެވެ.

Ads by Asuru

އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ޓަވަރުތައް އެޅުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެކަމަށް އެދި އީއޯއައި (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައި ވާ ކަމަށެވެ.

މިކްސްޑް ޔޫސް ޓަވަރުތައް އިމާރާތް ކުރުމަށް ދޫކުރަން ނިންމާފައި ވަނީ ބިން ވިއްކާ މޮޑެލް އަށް ކަމަށާއި އެ ޓަވަރުތައް އިމާރާތް ކުރުމަށް ކަނޑައަޅައިފައި ވަނީ 14 ފަންގިފިލާ އާއި 15 ފަންގިފިލާ އަދި 20 ފަންގިފިލާ އަށް ކަމަށް އެޗްޑީސީން ބުނެއެވެ.

10 ޓަވަރު އަޅަން ދޫކުރާ ބިންތަކަށް ބަލާއިރު އެންމެ ކުޑަ ބިމަކީ 8661.60 އަކަފޫޓާއި 8701.43 އަކަފޫޓާއި 9559.74 އަކަފޫޓާއި 9622.60 އަކަފޫޓުގެ ބިމެވެ.
ހަމައެއާއެކު 10846.46 އަކަފޫޓާއި 11256.24 އަކަފޫޓާއި 11194.24 އަކަފޫޓާއި 12821.42 އަކަފޫޓުގެ ބިން ވެސް ހިމެނެއެވެ.
އެންމެ ބޮޑެތި ބިންތަކުގެ ބޮޑު މިނަކީ 14525.56 އަކަފޫޓާއި 15098.85 އަކަފޫޓެވެ.

އެ ޓަވަރުތައް އިމާރާތް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް އީއޯއައި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަސައްކަތް ހަވާލު ކުރާނެ ފަރާތެއް ކަނޑައެޅުމުގައި އިސްކަން ދޭނީ ބިން ގަންނަން ހުށަހަޅާ ރޭޓަށާއި ފައިސާ ދައްކަން ހުށަހަޅާ ގޮތެއްގެ އިތުރުން ހުށަހެޅުން ހުށަހަޅާ ފަރާތުގެ މާލީ ގާބިލު ކަމަށް ބަލާފައި ކަމަށް އެޗްޑީސީން ބުނެއެވެ.

ނަމަވެސް ކޮންމެ ވަގުތަކު ވެސް ހުށަހަޅާ ހުރިހާ އީއޯއައިއެއް ބާތިލު ކުރުމުގެ ބާރު އެޗްޑީސީއަށް ލިބިގެންވެއެވެ.

އެފަދަ ހާލަތެއް ކުރިމަތިވެ އީއޯއައިތައް ބާތިލު ކުރާނަމަ، އެ ހުށަހެޅި ކުންފުނިތަކަށް އެކަން އަންގާނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

އެ ޓަވަރުތައް އިމާރާތް ކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ބިން ގަތުމަށް ހުށަހަޅާ އަގުގެ އިތުރުން އަގު ދައްކަން ހުށަހަޅާ މުއްދަތު އެނގޭނެހެން އީއޯއައި އެޕްލިކޭޝަން ފޯމު ފުރިހަމަކޮށް އެ ކޯޕަރޭޝަނަށް ހުށަހެޅުމަށް އެޗްޑީސީން އެދެއެވެ.