ޖަލުތަކުގައި ކުރެވުނު ހުރިހާ މަސައްކަތްތަކެއްގެ ތެރެއިން އެންމެ އުފާ ކުރައްވަނީ ޖަލުގައި ޤައިދީންނަށް އަނިޔާކުރުމުގެ ޘަޤާފަތާއި ފަލްސަފާ މާޒީގެ ސަފްހާތަކުގެ ތެރެއަށް ލެވުން ކަމަށް ހޯމް މިނިސްޓަރު އިމްރާން  ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ ޕްރިޒަން ބޭސްޑް ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމްގެ ފުރަތަމަ ބެޗު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެވެ.

އިމްރާން ވިދާޅުވީ މި ސަރުކާރު އައީ ޖަލުތައް ރިފޯމް ކުރުމުގެ އެޖެންޑާ ހިފައިގެންކަމަށާއި، އެ މަގަށް ވަރަށް ގިނަ މަސއްކަތް ކުރެވިއްޖެ ކަމަށެވެ. އަދި މިއަދު މިއާދެވުނީ އޭގެތެރެއިން އެންމެ މުހިއްމު އެއް މަސައްކަތެއްގެ ނަތީޖާއާ ހަމައަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ހާލަތަށް އަލިއަޅުއްވާލައްވާ މިނިސްޓަރު ވިދާޅުވީ އެ ވަބާއަކީ ބައިޤަރުނެއްހާ ދުވަސްވީ ވަބާއެއްކަމަށާއި, މަސްތުވާތަކެތީގެ ވަބާ ބޮޑުވެ މުޖުތަމައުގެ ހުރިހާ އާއިލާތަކުގެ ތެރެއަށް ފެތުރި އެކަމާމެދު ހިތާމަ ނުކުރާ އާއިލާއެއް ނެތް ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ.

މިކަމުން އަރައިގަތުމަށް ވަރަށް ބުރަ ވަރަށް ގިނަ މަސައްކަތްތައް ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ ތެރެއިން މުޅި މުޖުތަމައުގެ ތެރެއިން, ހުރިހާ ރައްޔިތުންގެ ތެރެއިން ކުރަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އިމްރާން ވިދާޅުވީ އަމާޒަކީ ޖަލަށް ވަންނަ ކޮންމެ ޤައިދީއަކު ރިހިބިލިޓޭޓްވެގެން ނިކުތުން ކަމަށެވެ. އަދި ޖަލަކީ ކޮންމެ މީހަކާ ގުޅޭގޮތުން ރިހިބިލިޓޭޝަން ޕްރޮގްރާމްހެދި، ރިހިބިލިޓޭޓް ކުރެވިގެން ނިކުންނާނެ ތަނަކަށް ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.