ސިޔާސީ ޗަރުކޭސް ކުޅުމުގައި އެއްވަނަ ލިބެނީ ވެރިކަން ކުރާ މައިޕާޓީ، އެމްޑީޕީއަށް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

Ads by Asuru

ދުންޔާ މިހެން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ.

އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްގެ ތެެރެއިން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ރައީސް މުހައްމަދު ނަޝީދާއި، އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެކުގައި ފެންނަ ފޮޓޯއެއް ހިއްސާ ކުރައްވައި، އެމްއެންޕީގެ އަންހެނުންގެ ގޮފީގެ ރައީސްކަންވެސް ކުރައްވާ ދުންޔާ ވިދާޅުވީ ”މިއީ ޑްރާމާ ކުޅެންވީ ވަގުތެއް ނޫން“ ކަމަށެވެ.

ދުންޔާ މިހެން ވިދާޅުވީއިރު، އެމްޑީޕީގެ ކޮންގްރެސްއަށް ބަރުލަމާނީ ނިޒާމާ ގުޅޭ ގަރާރު ހުށަހަޅުއްވަން އުޅުއްވުމަށްފަހު، އެކަން ނުކުރައްވާ ގޮތަށް ރައީސް ނަޝީދު ވަނީ ނިންމަވާފައެވެ. އަދި ރައީސް ސޯލިހުއާ ހިޔާލުތަފާތުވުންތައް އޮތް ކަމަށް، އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕްތަކުން ލީކު ކުރާ އެކި މެސެޖުތަކުން ދޭހަކޮށްދިން ނަމަވެސް، ކޮންގްރެސް ނިންމާލަމުން ދެއްކީ، ދެ ރައީސުންގެ ގުޅުން ވަރުގަދަ ކަމެވެ.

ވަޓްސްއެޕް ގްރޫޕްގެ ”ޑްރާމާ“އަށް އިޝާރާތް ކުރައްވައި، ފައްޔާޒު ވިދާޅުވެފައިވަނީ ވަޓްސްއެޕްގައި ޑްރާމާ ކުޅުނަސް، އެމްޑީޕީ އޮތީ ބަދަހިކޮށް ކަމުގައެވެ.