މާލޭގެ ބައެއް މިސްކިތްތަކުގައި ނަމާދު ކުރާއިރު، އަޑު މަޑު ކުރުމަކީ އެންމެ މަސްލަހަތު ހުރިގޮތް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

Ads by Asuru

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ، މާލޭގެ ހުރިހާ މިސްކިތެއްގައި ނަމާދު ކުރާއިރު އަޑު މަޑު ކުރުމަށް އެ މިނިސްޓްރީން އެންގި ކަމަށް ބުނެ، ބައެއް މީޑިއާތަކުގައި ޝާއިއު ކުރި ޚަބަރު ދޮގުކޮށް، މިރޭ ނެރުނު ބަޔާނެއްގައެވެ.

މިނިސްޓްރީން ބުނީ މިސްކިތުގައި ނަމާދު ކުރާ އަޑު ބޭރަށް ނީވޭ ގޮތް ހެދުމަށް، އެއްވެސް ފަރާތަކަށް އަންގާފައި ނުވާނެ ކަމަށެވެ.

އަދި ނަމާދު ކުރާ އަޑު ބޭރަަށް ނީވޭ ގޮތް ހެދުމަކީ މިނިސްޓްރީގެ ވިސްނުމެއް ނޫން ކަމަށާއި، ކުރިންސުރެވެސް އަމަލު ކުރަމުން އަންނަ އުސޫލުން، މިސްކިތްތަކުގައި ހުންނާނީ ނަމާދު ކުރާ އަޑު ބޭރަށް އިވޭ ގޮތަށް ކަމަށެވެ.

އެހެންނަމަވެސް އަޑު ބާރު ކަަމަށް ބުނެ ލިބުނު ޝަކުވާތަކާ ގުޅިގެން ބެލި ބެލުމުން، މާލޭގެ ފަސް މިސްކިތެއްގެ ޖަހުރިއްޔަ ނަމާދުތަކުގައި ބޭރަށް އަޑު ޖައްސާފައި ހުންނަ މިންވަރު މަޑު ކުރުން އެއީ ދީނީ ގޮތުން އެންމެ މަސްލަހަތު ރަނގަޅު ގޮތް ކަމުގައި ފެންނާތީ، އެ މިސްކިތްތަކުގެ އިމާމުންނަށް އަޑު މަޑު ކުރަން އެންގި ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ،  އެ މިސްކިތްތަކަކީ ކައިރި ކައިރީގައި ހުރި މިސްކިތްތަކެއް ކަމަށާއި، އެއް މިސްކިތުން އަނެއް މިސްކިތަށް ނަމާދު ކުރާ އަޑު ބާރަށް އިވޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ނަމާދު ކުރަން ދަތިވާ ކަމަށް ފާހަގަވެފައިވާ ކަމަށެވެ.