މިއަދު ދިވެހި ވެށީގައި ފުލުހުން އަދާކުރާ ދައުރު އަންނަނީ ދުވަހަކަށްވުރެ ދުވަހެއް ފުޅާވަމުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި ހިންގި ފުރަތަމަ އިންހައުސް ޓްރެއިނިންގ “އިންސްޕެކްޓަރ ކޯސް” ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ads by Asuru

އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ އޮޑިޓޯރިއަމްގައި ރޭ ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޕޮލިސް މުޙައްމަދު ޙަމީދު އިތުރަށް ވިދާޅުވީ ފުލުހުންގެ ޚިދުމަތަކީ ރައްޔިތުން އެދޭފަދަ ޚިދުމަތަކަށް ހެދުމަށް މިޑުލްމެނޭޖްމަންޓުގައި ހިންގުމުގެ ނިޒާމުގެ އާރުކާޓީންގެ ގޮތުގައި، ޒަމާނަށް ލޯ ހުޅުވިފައިވާ އަދި ރައްޔިތުންގެ ވިންދު ދެނެގަނެވޭ ފުލުހުން ތިބުން ވަރަށް މުހިންމު ކަމަށެވެ.

އަދި އިންސްޕެކްޓަރ ކޯހަށް އެހާ އަހަންމިއްޔަތުކަމެށް ދެވޭ ސަބަބަކީވެސް އެއީކަން ފާހަގަކުރެއްވިއެވެ. އަދި މި ކޯސް ފުރިހަމަކުރި އެންމެހައި ބައިވެރިން ދެން ޚިދުމަތަށް ނުކުންނާނީ އިތުރު ހުނަރާއި ގާބިލިއްޔަތުކަން ލިބިގެންކަމާމެދު ޝައްކުނުކުރާކަމަށް ވިދާޅުވިއެވެ.

އަދި ހަމަ އެހެންމެ މިއަދު ދިވެހި ވެށީގައި ފުލުހުން އަދާކުރާ ދައުރު އަންނަނީ ދުވަހަކަށްވުރެ ދުވަހެއް ފުޅާވަމުންކަމާ އަދި ފުލުހުންގެ މަސައްކަތް ހިންގާ މާހައުލަށް އަންނަ ތަފާތުތަކުގެ ސަބަބުން އެ ބަދަލުތަކާ އެއްހަމަކޮށް ބަދަލުތަކަށް އަށަގަނެ ޚިދުމަތްދިނުން ތަރައްގީވާން އެބަޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ޓެކްނޮލޮޖިކަލް، އިޖުތިމާއީ އަދި ތިމާވެއްޓަށް އަންނަމުންދާ ހަލުވި ބަދަލުތަކުގެ ސަބަބުން ކުށުގެ މާހައުލު އަދި ރައްޔިތުންގެ ރައްކާތެރިކަމަށް ކުރިއާ ތަފާތު ގޮންޖެހުންތައް މެދުވެރިވެފައިިވާކަން ފާހަގަކުރެއްވިއެވެ.

އަދި މި ގޮންޖެހުންތަކުން އަރައިގަނެ، ފުލުހުން ގާއިމުވެތިބޭ މަގުސަދުތައް ހާސިލުކުރުމަށް ހިންގޭ މަސައްކަތުގައި ރައްޔިތުންގެ އިތުބާރާއި ޔަގީންކަމާ އަދި ފުލުހުންގެ މަސައްކަތަށް ރައްޔިތުންގެ އެއްބާރުލުން ހޯދަން ވަރަށް ގިނަ މަސައްކަތްތަކެއް އަދިވެސް ފުލުހުން ކުރަންޖެހިފައިވާކަމަށް ވިދާޅުވިއެވެ.

 

އޭގެ އިތުރުން، މިއަދު ފެނިގެންދަނީ އިންޓަނެޓާ ގުޅިފައިވާ ޕްލެޓްފޯމްގެ ތެރެއިން ކުށްކުރުން އިތުރުވަމުން އަންނަތަން ކަމާއި އިޖުތިމާއީ އެތައް މައްސަލައެއް ހައްލުކުރުމުގައި ފުލުހުންގެ ދައުރު އަދާކުރަންޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ހާއްސަގޮތެއްގައި ނަފްސާނީ ދުޅަހެޔޮކަން ނެތް ފަރާތްތަކާ ޑީލްކުރަންޖެހޭ ޖެހުން އިތުރުވަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އަދި ރޭންކުތަކާއި ރޯލްތަކުގައިތިބޭ ފުލުހުން މިކަމަށް އަހުލުވެރިވެ ހުނަރުލިބި އަދި ފުލުހުންގެ މަސައްކަތުގެ އޮނިގަނޑު ހަރުދަނާކުރުމަށް މިއަދު އަވަސްވާންޖެހިފައިވާކަމުގައި ވިދާޅުވިއެވެ.

އަދި އެކަން އެގޮތަށް ނުހިނގާނަމަ ފުލުހުން މިހާރު މިކުރާގޮތަށް ކިތަންމެ މަސައްކަތެއްކުރި ނަމަވެސް ފުލުހުންގެ މަސައްކަތުގެ މައްޗަށް ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބުން އެއީ ދުރުކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިއަދު ފެނިގެން މިދަނީ އިޖުތިމާއީ ވަރަށްގިނަ ކަންކަމީ ފުލުހުން އެކަންކަން ހައްލުކުރުމަށް ވަރަށް ގިނަ މަސައްކަތްކުރަންޖެހޭ ކަންކަން ކަން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދެކި ގަބޫލުކުރަމުން އަންނަތަން ކަމަށް ވިދާޅުވިއެވެ.

އަދި މިކަންކަމާ ދޭތެރޭ ވަރަށް ފުންކޮށް ވިސްނައި ފުލުހުންގެ މަސައްކަތްތައް ހިންގުމުގެ އޮނިގަނޑާއި ވައްޓަފާޅިތަކާ އަދި ވަކިން ހާއްސަކޮށް އެޓިޓިއުޑް ރަނގަޅުކޮށްގެން ކުރިއަށް ދިއުމަށް ކޯހުގެ ބައިވެރިންނަށް އިލްތިމާސްކުރެއްވިއެވެ.

އަދި މިކަންކުރުމުގައި ފްރަންޓްލައިންގެ ޕޮލިސިންގ، ފްރަންޓްލައިން ރެސްޕޯންސްގެ މަސައްކަތް، ކްރައިމް އިންވެސްޓިގޭޝަން، އިންޓެލިޖެންސްގެ ދާއިރާގެ މަސައްކަތް، އަވައްޓެރި ފުލުހުންގެ މަސައްކަތާއި ވިކްޓިމުންނަށްދޭ ސަޕޯޓުގެ މަސައްކަތާއި ރޯޑް ޕޮލިސިންގ އަދި ސަޕޯޓް އެހެނިހެން ދާއިރާތަކުގެ މަސައްކަތް ގާތުން ބަލައި މެނޭޖްކޮށް ސުޕަވައިޒްކުރާ ފަރާތްތައް އެއް ވިސްނުމަކުން މިއަދު ކުރިއަށްދާން ޖެހިފައިވާކަމަށް ވިދާޅުވިއެވެ.

އަދިވެސް އޭގެ އިތުރުން، ފުލުހުންގެ ޚިދުމަތުގެ ކޯރ މިޝަން ހާސިލުކުރުމަށް ޝައުގުވެރިކަމާއި ޖޯޝާއެކުގައި މަސައްކަތްތަކެއް ކުރެވެންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އުންމީދަކީ މި މަގުން މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ފުލުހުންގެ ޚިދުމަތުގައި ތިބި، މި ކޯހުގެ ދަސްވެނިންފަދަ ޚިދުމަތްދާރު އަދި ތަޖުރިބާކާރު އޮފިސަރުން ކުރިއެރުން ހޯދައި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯދުމަށް ވަރަށް ސާބިތުކަމާއެކީ މަސައްކަތްކުރަމުން ގެންދިއުންކަމަށް ވިދާޅުވިއެވެ.