ދިވެހިރާއްޖޭގެ މިނިވަންކަމާއި ގައުމީ ސަލާމަތަށް އޮތް އެންމެ ބޮޑު ހުރަހަކީ، އިންޑިއާގެ ނުފޫޒު، ރާއްޖޭގެ ދާހިލީ އަދި ހާރިޖީ ކަންކަމަށް އޮތުން ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Asuru

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ނުރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގަތުމާ ގުޅޭ ހަބަރެއް ހިއްސާ ކުރައްވައި ޝިޔާމް ވިދާޅުވީ، ރާއްޖޭގެ ދާހިލީ އަދި ހާރިޖީ ކަންކަމަށް އިންޑިއާގެ ނުފޫޒު އެހާ ބޮޑަށް އޮތްއިރު، މިކަމާ ބަހެއް ބުނަން ސަރުކާރު ނުުކުޅެދިފައިވާ ކަމަށެވެ. އެގޮތުން ސަރުކާރު ނުކުޅެދި، ހުރިހާ ގޮތަކުންވެސް ކަސްތޮޅު އެޅުވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރާއެކު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ސިއްރު އެއްބަސްވުންތަކެއް އެކުލަވާލާފައިވާއިރު، މި އެއްބަސްވުންތައް ހާމަކުރަން އިދިކޮޅުން ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

ނަމަވެސް ސަރުކާރުން ބުނަމުންދަނީ އެއްވެސް އެއްބަސްވުމެއް ހާމަކޮށްފިނަމަ، ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށެވެ. އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމް ވަނީ، ޕީޕީއެމަށް ވެރިކަން ލިބިއްޖެނަމަ، އިންޑިއާއާއެކު ހަދާފައިވާ ”ނުރައްކާތެރި“ އެއްބަސްވުންތައް އުވާލައްވާނެ ކަމަށް ވިދާޅުވެފައެވެ.