މިސަރުކާރުގައި ވަކި ރަށެއް އަދި ވަކި ވިސްނުމެއްވެސް ބާކީ ނުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މ. ވޭވަށު ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ވެރިކަމާ ހަވާލުވުމަށްފަހު މަގުސަދަކަށްވީ ދިވެހި ރައްޔިތުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހުންނަންޖެހޭނެ ވަސީލަތްތައް ގާއިމުކުރުން ކަމަށާއި، އެގޮތުން ފެނާ ނަރުދަމާގެ މަސައްކަތް އަދި ކަރަންޓުގެ އިތުރުން ލަފާފުރުމުގެ ހިދުމަތްފަދަ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. މިވެރިކަމުގައި އެމަގުން މަސައްކަތްކޮށް، ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި، އަދި ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ މެދުރާއްޖެތެރޭގެ ރަށްތަކަކީ ގިނަ ސަރުކާރުތަކަކުން ބާކީކޮށްފައި އޮންނަ ސަރަހައްދެއް ކަމަށާއި އެކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

”އެހެންނަމަވެސް މިސަރުކާރުން ވަކި ދާއިރާއެއް، ވަކި އަތޮޅެއް، ވަކި ރަށެއް، ވަކި ވިސްނުމެއް ބާކީއެއް ނުކުރާނެ.“ ރައީސް ސޯލިހު ވިދާޅުވިއެވެ.

މ. ވޭވަށުގައި ވެސް ސަރުކާރުން ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ، ކުރީ ސަރުކާރުގައި ވޭވަށުގެ ތަރައްގީއަށް ދެމިލިޔަނެއްހާ ރުފިޔާ ހަރަދުކުރިއިރު، މިސަރުކާރުގެ މިވީ ހަތަރު އަހަރުގެ ތެރޭގައި ވޭވަށަށް 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރެވިފައިވާ ކަމަށެވެ.