ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ލިބުނު ގެއްލުމުގެ އެސެސްމެންޓެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ، ވިއްސާރައާއި ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން އެ އޮތޯރިޓީން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
އަދި ފެންބޮޑުވުމުން ލިބުނު ގެއްލުންތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް މިއަދު ފެށުމަށް އެއިދާރާއިން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ހާމަ ކުރިއެވެ.

 

ރާއްޖެއަށް ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރާގައި އަންގާރަ ދުވަހު ވަނީ ވަރަށް ބޯކޮށް ވާރޭ ވެހި، ވެރި ރަށް މާލެ އާއި އެހެނިހެން ރަށްރަށުގައި ވެސް ފެންބޮޑުވެފައެވެ.

 

މިއަދު ވެސް ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯހެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައެވެ.

 

އަދި ދެކުނުގެ އަތޮޅުތަކަށް ވައިޓު އެލާޓް ނެރެފައެވެ.