އިސްލާމް ދީނަށް ފާޑުކިޔާ، އިސްލާމް ދީނާ އިދިކޮޅު އަމަލު ހިންގުމުގެ ކުށުގެ އަދަބު ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އިސްލާހު ހުށަހަޅުއްވައިފިއެވެ.

Ads by Asuru

ޖުމްހޫރީ ޕާޓީގެ ލީޑަރުކަންވެސް ކުރައްވާ ގާސިމް މި އިސްލާހު ހުށަހަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށެވެ.

ގާސިމް އިސްލާހު ހުށަހަޅުއްވާފައިވަނީ އިސްލާމްދީނާ އިދިކޮޅު ޢަމަލުތައް ހިންގުމުގެ ކުށަކީ ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެއް ކަމަށް ބަދަލުކުރުމަށެވެ. ޖިނާޔަތުގެ ދަރަޖަ 2 ގެ ދަށުން ދެވޭނެ އަސާސީ އަދަބަކީ 6 އަހަރުގެ ޖަލު ހުކުމެވެ. އަދި ދެވޭނެ އެންމެ ބޮޑު އަދަބަކީ 15 އަހަރުގެ ޖަލު ހުކުމެވެ.

މިހާރު ގާނޫނުލްއުގޫބާތުގައި އޮތްގޮތުން އިސްލާމްދީނާ އިދިކޮޅު ޢަމަލުތައް ހިންގުމުގެ ކުށަކީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ.

މީގެއިތުރުން ގާސިމް ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށްވެސް އިސްލާހު ހުށަހަޅާފައެވެ. އެގޮތުން އޭނާ ހުށަހަޅުއްވާފައިވަނީ، ލިވާތު ކުރުމާއި ސިހާޤު ކުރުން ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. މިހާރު ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ޖިނާއީ ބޮޑު ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ 12 ކުށެކެވެ.