ގިނަ ދިވެހި ފިރިހެނުންތަކަކާއެކުގައި އެއްޖިންސުން ގުޅުން ހިންގި މައްސަލަ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްގެ މައްޗަށް ސާބިތުވެ އޭނާ ހަތް މަހަށް ޖަލަށްލާން ހުކުމްކުރި ކްރިމިނަލް ކޯޓުގެ ގާޒީ އަށްވެސް ތައުބާލައިދޭންޖެހޭ ކަމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނައިބް ރައީސް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެެެވެ.

Ads by Asuru

އަލަމްގީރުގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލާފައެވެ.

އެ ތިން ދައުވާ އަކީ ވެސް އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާއެވެ.  މި ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެ، ހަތް މަހާއި ހަތް ދުވަހަށް ޖަލަށް ލުމަށް ފަހު ތައުބާ ލައިދިނުމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ބެއްލެވީ ގާޒީ އަލީ އާދަމްއެވެ.

އެ ހުކުމަށް ފާޑު ވިދާޅުވަމުން ޑރ.އިޔާޒް ވިދާޅުވީ އެއްގޮތަކީ ޝަރީޢަތުގައި އޮންނަ އަދަބު ޤާޒީ އަށް ނޭނގުން ކަމަށާއިއަނެއްގޮތަކީ ޙައްޤު ގޮތް އެނގުނަސް އަމިއްލަ މަޞްލަޙަތަކަށްޓަކައި ޙުކުމް ބަދަލު ކުރުން ކަމަށެވެ. އަދި އަނެއްގޮތަކީ އިސްލާމީ ޝަރީޢަތުގައި އޮތް ޙުކުމަށްވުރެ މޮޅު ޙުކުމެއް ކުރާނަމޭ ހިތާ ޙުކުމް ކުރުން ކަމަށްވެސް އިޔާޒު ވިދާޅުވިއެވެ.

”ތައުބާ ލައިދޭންވީ އަލަމްގިރި އަށް އެކަނިއެއް ނޫން. ޤާޒީ އަށް ވެސް ތައުބާ ލައިދޭންޖެހޭ.“ އިޔާޒު ވިދާޅުވިއެވެ.

އަލަމްގީރްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި ކުރިން މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ.