މާލެ ސިޓީ ކައުންސިލުން ބޭނުންވަނީ، މާލޭގައި އިސްލާމްދީނުގެ ކަންކަމަށް ލޯބި ކުރާ މުޖްތަމައުއެއް އުފެއްދުމަށް ކަމަށް މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

މޭޔަރު މުއިއްޒު މިހެން ވިދާޅުވެފައިވަނީ، މިދިޔަ ރަމަޟާންމަހު މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ މަދަހަ ކިޔުމުގެ މުބާރާތާއި، ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް، ރޭ ދަރުބާރުގޭގެ ރަންނަބަނޑޭރިމާލަމުގައި ބޭއްވި ހަފްލާގައި ދެއްކެވި ވާހަކައިގައެވެ.

މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން މިފަދަ މުބާރާތްތައް ބޭއްވުމުގެ ބޭނުމަކީ މާލޭގައި އިސްލާމްދީނަށް އިހްތިރާމް ކުރާ، އިސްލާމްދީނަށް ނަސްރުދޭ މުޖްތަމައުއެއް އުފެއްދުން ކަމަށެވެ.

”މި ސިޓީގައި ޤުރުއާނަށް ލޯބި ކުރާ ފަރާތްތައް އިތުރު ވެގެން ދިޔުން. ދަރުސްތަކާ މަދަހަތައް ކިޔާ ގިނަ ކުދިން އުޅޭ ސިޓީއަކަށް ވާން.“

މޭޔަރު ވިދާޅުވީ މާލެ ސިޓީ އަކީ އަމާން، ސާފުތާހިރު ތަނަކަށް ހެދުމަށް ކައުންސިލުން އިސްކަންދޭއިރު، އެކަން ހާސިލު ކުރެވޭނީ، މާލޭގެ ރައްޔިތުންގެ ”ހިތްތައް“ ސާފު ވެގެން ކަަމަށެވެ. އެގޮތުން މާތް ނަބިއްޔާ(ސ.އ.ވ) ޒިކުރާ އާކުރުން ފަދަ ކަންކަން ކުރަންޖެހޭއިރު، މާލޭގެ ރައްޔިތުންނާ ގުޅިގެން، އެކަމަށްޓަކައި ކުރިއަށް އޮތްތަނުގައި އެކި ހަރަކާތްތައް ހިންގުމަށް ވިސްނުން ގެންގުޅުއްވާކަން މުއިއްޒު ވަނީ ފާހަގަކުރައްވައިފައެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލުން އިސްނަގައިގެން، ފުރަތަަމަ ފަހަރަށް މިފަދަ މުބާރާތެއް ބޭއްވިއިރު، ރަނގަޅު ކުރަން ޖެހޭ ކަންކަންވެސް ހުންނާނެ ކަމަށް ގަބޫލު ކުރައްވާ ކަަމަށެވެ.

އެގޮތުން ކުރިއަށް އޮތް ރަމަޟާންމަހަށްޓަކައި، އެފަދަ ކަންކަމަށް ސަމާލުކަންދީގެން، ދުރާލާ ރާވައިގެން މިއަށްވުރެވެސް ފުރިހަމަ މުބާރާތްތަކެއް ރާއްވަވާނެކަމުގެ ޔަގީންކަންވެސް މޭޔަރު ވަނީ ދެއްވާފައެވެ.