ދާދި ފަހުން ޓްވިޓަރ ބޭނުން ކުރައްވަން ފެއްޓެވި، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އެ ޕްލެޓްފޯމާ ގުޅިވަޑައިގެންނެވި ފަހުން ރާއްޖޭގެ ހާލަތާމެދުގައި ކަންބޮޑުވުންފާޅުކުރައްވަމުން ގެންދަވައެވެ.

Ads by Asuru

އެގޮތުން އެމަނިކުފާނު އެންމެ ފުރަތަމަ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، ދިވެއްސަކަށް ވީތީ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

އަދި ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެތިބޭ މައްސަލައިގައިވެސް ކަންބޮޑުވުންފާޅުކުރައްވާފައިވެއެވެ.

ޓްވިޓަރގައި ގިނަ ބަޔަކު ރައީސް ޔާމީން ފޮލޯ ކުރަމުން އަންނައިރު، އެމަނިކުފާނުގެ މުޅިންވެސް އިނގެރޭސި ބަހުން ޓްވީޓް ކުރައްވާތީ، ބައެއް ފަރާތްތަކުން ދަނީ އެ ޓްވީޓްތައް ނަގައިގަންނަން އާންމު ދިވެހީންނަށް އުނދަގޫ ވާނެ ކަމަށް ބުނެ އެމަނިކުފާނަށް ފާޑު ކިޔަމުންނެވެ.

”އަދަދު“ ނޫހަށް ދެއްވި ބަސްދީގަތުމެއްގައި މިކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް ޔާމީން ވަނީ އެމަނިކުފާނު އިނގެރޭސި ބަހުން ޓްވީޓް ކުރައްވާ ސަބަބު ވިދާޅުވެދެއްވައިފައެވެ.

”އަޅުގަނޑުގެ އޯޑިއަންސަކީ ހަމައެކަނި ދިވެހި ރައްޔިތުންނެއް ނޫނޭ، އިނގޭތޯ. ދިވެހިރާއްޖޭގެ ހާލަތު މިއަދު އޮތްގޮތް އަޅުގަނޑުމެން އެންމެ ބޮޑަށް ކިޔައިދޭން ޖެހެނީ ބޭރަށް. އެއްވަނަ ދުނިޔޭގެ ގައުމުތަކަށް، ޑިމޮކްރަސީގެ ނަމުގައި އަޅުގަނޑުމެންނަށް އަދަބު ދިން ގައުމުތަކަށްވެސް އެނގެން އެބަޖެހޭ، މިހާރު ދިވެހިރާއްޖޭގެ ހާލަތު އޮތީ ކިހިނެއްތޯ.“

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ދިވެހީން މިއަދު ތިބި ހާލަތު ދިވެހީންނަށް އެނގޭއިރު، މިހާލަތު ބަދަލު ކުރުމަށް ދިވެހީން ތިބީ ނުކުޅެދިފައި ކަމަށެވެ.

އެހެންކަމުން ދިވެހީންގެ ހާލަތު، އެއްވަނަ ދުނިޔޭގެ ޑިމޮކްރަސީއަށް ލޯބި ކުރާ ފަރާތްތަކަށް އެނގެން ޖެހޭ ކަމަށްވެސް އިދިކޮޅު ލީޑަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.