މާލެ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރަށް އެއް އަހަރު ފުރުނުއިރުގައި، ގޮންޖެހުންތަކާ އެކުގައިވެސް ގިނަ ކަންކަން ހާސިލު ކުރެއްވިއްޖެ ކަމަށް ގަބޫލު ކުރައްވާ ކަމަށް މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

މޭޔަރު މިހެން ވިދާޅުވެފައިވަނީ މާލެ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރަށް އެއް އަހަރު ފުރުމާ ގުޅިގެން، ދިވެހި ޗެނަލްއިން ގެނެސްދިން ”ހަވާސާ“ ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، ސަރުކާރުން ސިޓީ ކައުންސިލަށް ކުރިމަތި ކުރުވަމުން އައި ގޮންޖެހުންތަކާއެކުގައިވެސް ފާއިތުވި އަހަރު މުހިންމު ކަންކަން ހާސިލު ކުރެވިފައިވެެއެވެ.

އެހެންނަމަވެސް، އަދިވެސް ގިނަ ކަންކަން ހާސިލު ކުރަން ހުރިކަން މޭޔަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. މިސާލެއްގެ ގޮތުގައި މޭޔަރު ނެންގެވީ، ސިޓީ ކައުންސިލުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ، މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުއެވެ.

”އެ މަޝްރޫއު މިއޮތީ ހުއްޓުވާފައި. މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އަމަލީ މަސައްކަތެއް ނުހިނގާ. އެހެންވީމަ، ބޭރު ފުށުން ބަލާއިރު ފެންނާނީ އަޅުގަނޑުމެންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ކަނޑައަޅާފައި އޮތް މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ނުދާކަން. އެއީ ސިޓީ ކައުންސިލްގެ ފެއިލިއަރއެއްގެ ގޮތުގައި، ނޫނީ ކަމެއް ނުކުރެވުނީ ކަމަށް ބުނުމުގެ ޖާގަ އެބައޮތޭ. އެހެންނަމަވެސް އޭގެ ހަގީގަތަށް ބަލާއިރުގައި މިއޮތީ، އެހެން ގޮތަކަށް ކަންތައް ވެފަ.“ މުއިއްޒު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ބޮޑެތި މަޝްރޫއުތައް ހިންގުމަށްޓަކައި، ސިޓީ ކައުންސިލަށް ގާނޫނުގެ ތެރެއިން ލިބޭ ފުރުސަތުގެ ބޭނުން ހިފައިގެން ކުންފުންޏެއް އުފެއްދުމަށް، ކައުންސިލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާނެ ކަމަށެެވެ.

އެކުންފުނި އުފެއްދުމުން، ގިނަ ކަންކަން މަގުފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. މިދިޔަ ސެޕްޓެމްބަރުމަހުގައި، އެ ކުންފުނި އުފައްދަން ހުށަހެޅިއިރު، އެކަމަށް އަދިވެސް ހުއްދަ ނުދޭކަން މޭޔަރު ފާހަގަކުރެއްވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، ސިޓީ ކައުންސިލަށް އެ ފުރުސަތު ދިން ނަމަ، އެ ކައުންސިލުން ރައްޔިތުންނަށްޓަކައި ކަނޑައަޅާފައިވާ ގިނަ ކަންތައްތަކެއް ކުރެވުނީހެވެ.