ރާވައިގެން ހިންގާ ގޭންގް ކުށްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށް ވިދާޅުވެ، ޕޮލިސް ކަމިޝަނަރު މުހައްމަދު ހަމީދު، ގޭންގުތަކަށް އިންޒާރެއް ދެއްވައިފިއެވެ.

Ads by Asuru

މިއަދު ހެނދުނު 11:50 ހާއިރު މަޖީދީ މަގުގައި ހުންނަ ޔޫރޯ ސްޓޯރް ކުރިމަތިން ތިން ފުލުހަކަށް ހަމަލާދީ ވަނީ ޒަހަމް ކޮށްލާފައެވެ. އެ މައްސަލައާ ގުޅިގެން ދެ މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ.

އަނިޔާ ލިބުނު ފުލުހުންނަށް ޒިޔާރަތް ކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ސީޕީ ވިދާޅުވީ އެ ހަމަލާ ތިން އޮފިސަރުންނަށް ދީފައިވަނީ ރަސްމީ ޑިއުޓީން ބޭރުގައި އުޅެނިކޮށް ކަމަށާއި މި ހަމަލާގައި ބައިވެރިވި ހުރިހާ އެންމެން ހައްޔަރުކުރާނެ ކަމަށެވެ.

ފުލުހުންނަށް ދޭ ހަމަލާތައް ވަރަށް ސީރިއަސްކޮށް ނަގާނެ ކަމަށާއި ރާވައިގެން ހިންގާ ގޭންގް ކުށްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދާ މަސައްކަތްތައް މިފަދަ ހަމަލާއަކުން ނުހުއްޓުވޭނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

އަނިޔާ ލިބުނު ފުލުހުންނަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.