ޒުވާން ކުދިންނަށް ސިފައިންނާ ފުލުހުންގެ ހިދުމަތާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށް ގާނޫނަށް ބަދަލު ގެނެސް، އުމުރުން 16 އަހަރު ވުމުން އެ ދެ ހިދުމަތާ ގުޅުމަށްޓަކައި ތަމްރީނުވުމުގެ ފުރުސަތު ލިބޭނެ ”ނެޝަނަލް ސަރވިސް ޕްރޮގްރާމް“ ފަށާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން އިއުލާނު ކުރެއްވެވީ މިރޭ ދަރުބާރުގޭގައި ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމު، ނެޝަނަލް ސާވިސްގެ ގޮތުގައި އަންނަ އަހަރުތެރޭގައި ފެށިގެންދާނެ ކަމަށެވެ.
އެގޮތުންއޯ ލެވެލް ނިންމުމަށްފަހު، އިތުރަށް ތައުލީމާއި ވަޒީފާގެ ފުރުސަތުތައް ނުލިބޭ ކުދިންނަށް މި ޕްރޮގްރާމްގައި ބައިވެރިވެ، ގައުމަށް ހިދުމަތް ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”މި ޕްރޮގްރާމު ވެގެންދާނީ މި ނެޝަނަލް ސާވިސްއަކީ ގާނޫނެއް ހެދިގެން، އެ ގާނޫނުން ބާރު ލިބިގެން، އުމުރުން 16 އަހަރުވުމަށްފަހު އެ 16 އަހަރުވެގެން އޯ ލެވެލް ނިންމާފައި، ނޫނީ ތައުލީމު ހާސިލުކުރެވުނު ހިސާބަކުން ދެން މައްޗަށް ދިއުމުގެ ފުރުސަތު ނުލިބޭ ކުދިންނާއި އަދި ވަޒީފާއެއް ވެސް ނުލިބޭ ކުއްޖަކު ވެއްޖެއްޔާ މި ޕްރޮގްރާމުގައި ބައިވެރިވާން ޖެހޭނެ.“ އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު ހުށަހަޅާފައި އޮތް ބަޖެޓުގައި ނިއު ޕޮލިސީ އިނީޝިއޭޓިވްސް (އެންޕީއައި)ގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ހިމެނޭނެ ކަމަށެވެ.
އަދި އޭގެ ތެރެއިން 400 މިލިއަން ރުފިޔާ ކަނޑައަޅާނީ ނެޝަނަލް ސާވިސް ޕްރޮގްރާމު ހިންގުމަށް ކަމަށާއި، ކޮންމެ އަހަރަކު ވެސް އިތުރު 400 މިލިއަން ރުފިޔާ އިތުރުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

