ރާއްޖެ އާއި ތުރުކީއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން އެކުލަވައިލި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ތުރުކީގެ ފަރާތުން ސޮއިކުރެއްވީ، އެ ގައުމުގެ ޓްރޭޑް މިނިސްޓަރު ޕްރޮފެސާ ޑރ. އޮމާރު ބޮލަޓެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެ އެއްބަސްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ރަޖަބު ތައްޔިބު އުރުދުގާނާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައި ހިމެނޭ ކަމެއް ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ތުރުކީއަށް އެކްސްޕޯޓު ކުރާ މަހުގެ ބާވަތްތަކަށް ލުއި ލިބުމާއެކު ދިވެހި މަސް އެކްސްޕޯޓު ކުރާ ފަރާތްތަކަށް ތުރުކީ މާކެޓްގައި ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.

މިނިސްޓްރީގެ ބަޔާނުގައި، ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އިގުތިސާދީ ގޮތުން ގާތް ގުޅުމެއް މިހާރު ގާއިމު ކުރެވެމުންދާކަން ފާހަގަކޮށްފައިވެއެވެ.

މި އެއްބަސްވުމުގެ ސަބަބުން، މިގުޅުން އިތުރަށް ހަރުދަނާކުރެވި، ކުރިއަށް އޮތްތަނުގައި ވިޔަފާރި އަދި އިގްތިސާދީ ދާއިރާއިން މަސައްކަތްތައް އިތުރުކުރެވި، އާ ފުރުސަތުތައް ވިޔަފާރިތަކަށް ހުޅުވިގެންދާނެ ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.