ހޯމް މިނިސްޓަރު އިމްރާންގެ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް ކަމަށް ސަލަފު ޖަމުއިއްޔާގެ ޗީފް މާކެޓިން އޮފިސަރު އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އަލީ ރަމީޒު މިހެން ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތައުރީފު ކުރައްވައި، ރަސޫލާ(ސ.އ.ވ)އާ އެއްފަދަކޮށް، އިމްރާން އިއްޔެ ދެއްކެވި ވާހަކައަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުން ފެންނަނީ ކީރިތި މާތް ރަސޫލާ(ސ.އ.ވ) ވެރިކަން ކުރެއްވިއިރު ފެނިގެން ދިޔަ ސިފަތައް ކަމަށް އިމްރާން ވިދާޅުވީ، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކާއި ގުޅޭގޮތުން ފެށި ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ދެއްކެވި ވާހަކައިގައެވެ.

އިމްރާން ވިދާޅުވީ ހެޔޮ ވެރިކަމެއްގަ ހުންނަންޖެހޭ އެންމެ މާތް, އެންމެ މަތިވެރި, އެންމެ މޮޅު, އެންމެ ވިދާ ބަބުޅާ ސިފައަކީ ފުރިހަމަ ސިފައިގަ އެންމެން އެކުގައި މަޝްވަރާކުރުން ކަމަށެވެ. އަދި ރައީސް ސޯލިހުގެ ވެރިކަމުގައި މި ސިފަތައް އެންމެ ރީތި ގޮތުގައި ފެންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

އިމްރާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އަލީ ރަމީޒު ވަނީ އިމްރާންގެ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތްތަނުގައި، ހެއްދެވި ފަރާތަށް ބިރުވެތިވުމެއްވެސް ނެތް ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ދީނީ ވަހުދަތު ހިމާޔަތްކުރުމަށް ކަމަށް ބުނެ އަދާލަތު ޕާޓީގެ އިސްބޭފުޅުން މީގެ ކުރިންވެސް މިފަދަ ވާހަކަތައް ވިދާޅުވެފައިވާތީ، ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ. އެގޮތުން އެޕާޓީގެ މެމްބަރު، ޝެއިހު އިލްޔާސް ހުސައިން މީގެ ކުރިން ވަނީ، ރައީސް ސޯލިހު އަކީ، މާތް ރަސޫލާ(ސ.އ.ވ) ދުއާ ދެއްވި ފަދަ ވެރިއެއް ކަމަށް ވިދާޅުވެފައެވެ.