ހޯމް މިނިސްޓަރު އިމްރާން ރައްޔިތުންގެ ކުރިމަތީގައި ތައުބާވުމަށް، ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ގޮވާލައްވައިފިއެވެ.
އަލީ ރަމީޒު މިހެން ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތައުރީފު ކުރައްވައި، ރަސޫލާ(ސ.އ.ވ)އާ އެއްފަދަކޮށް، އިމްރާން އިއްޔެ ދެއްކެވި ވާހަކައަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުން ފެންނަނީ ކީރިތި މާތް ރަސޫލާ(ސ.އ.ވ) ވެރިކަން ކުރެއްވިއިރު ފެނިގެން ދިޔަ ސިފަތައް ކަމަށް އިމްރާން ވިދާޅުވީ، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކާއި ގުޅޭގޮތުން ފެށި ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ދެއްކެވި ވާހަކައިގައެވެ.
އިމްރާން ވިދާޅުވީ ހެޔޮ ވެރިކަމެއްގަ ހުންނަންޖެހޭ އެންމެ މާތް, އެންމެ މަތިވެރި, އެންމެ މޮޅު, އެންމެ ވިދާ ބަބުޅާ ސިފައަކީ ފުރިހަމަ ސިފައިގަ އެންމެން އެކުގައި މަޝްވަރާކުރުން ކަމަށެވެ. އަދި ރައީސް ސޯލިހުގެ ވެރިކަމުގައި މި ސިފަތައް އެންމެ ރީތި ގޮތުގައި ފެންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
އިމްރާނަށް ފާޑުވިދާޅުވެ، ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކީރިތި ރަސޫލާ(ސ.އ.ވ) އަކީ އަޝްރަފުލް މަޚްލޫޤާތު ކަމަށެވެ.
އަދި ބަނގުރަލުގެ ހުކުމް އައިސްފައިތިބި އަދި ދީނުގެ ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންނާ އެކަލޭނގެފާނާ މުގާރަނާ ކުރުން އުޅުމަކީ ކުފުރުގެ ޢަމަލެއް ކަމަށް ވިދާޅުވިއެވެ.
ޢިމްރާން ރައްޔިތުން ކުރިމަތީ ތައުބާވާން ގޮވާލާ ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.
ޖަމީލު މިހެން ވިދާޅުވިއިރު، އަދާލަތު ޕާޓީން، އިސްލާމްދީން ހިމާޔަތް ކުރުމުގެ ނަމުގައި، މަސައްކަތް ކުރަނީ އަމިއްލަ މަންފާއަށް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.
ކީރިތި ރަސޫލާ އަކީ އަޝްރަފުލް މަޚްލޫޤާތު. ބަނގުރަލުގެ ޙުކުމް އައިސްފައިތިބި އަދި ދީނުގެ ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންނާ އެކަލޭނގެފާނާ މުޤާރަނާ ކުރުން އުޅުމަކީ ކުފުރުގެ ޢަމަލެއް. ޢިމްރާން ރައްޔިތުން ކުރިމަތީ ތައުބާވާން ގޮވާލަން. pic.twitter.com/nq3F3PbEiZ
— Mohamed Jameel Ahmed (@MJameelAhmed) September 12, 2022
ރާއްޖޭގެ ދީނީ ވަހުދަތު ހިމާޔަތްކުރުމަށް ކަމަށް ބުނެ އަދާލަތު ޕާޓީގެ އިސްބޭފުޅުން މީގެ ކުރިންވެސް މިފަދަ ވާހަކަތައް ވިދާޅުވެފައިވާތީ، ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ. އެގޮތުން އެޕާޓީގެ މެމްބަރު، ޝެއިހު އިލްޔާސް ހުސައިން މީގެ ކުރިން ވަނީ، ރައީސް ސޯލިހު އަކީ، މާތް ރަސޫލާ(ސ.އ.ވ) ދުއާ ދެއްވި ފަދަ ވެރިއެއް ކަމަށް ވިދާޅުވެފައެވެ.