ނިމިގެންދިޔަ އެމްޑީޕީގެ ވެރިކަމުގައި މަހުގެ އަގު ސިޔާސީ ބޭނުމަކަށް ބޮޑު ކުރުމުން އެކަމުގެ އުނދަގޫ ޖެހުނީ މަސްވެރިންނަށް ކަމަށާއި، އެއީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި ކުރީ ސަރުކާރުން ވަނީ މިފްކޯއަށް މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑު ކޮށްފައެވެ. ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސްވެރިންގެ ތާއީދު ހޯދުމަށް ކުރި ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން އެ އަގުގައި ފައިސާ ދެއްކުން ވެގެންދިޔައީ، ދައުލަތުގެ މާލިއްޔާއަށް ވަރަށް ބުރަ ކަމަކަށް ކަމުގައެވެ.

އެމްޑީޕީގެ ވެރިކަމުގައި މަސްވެރިންނަށް ނުދީ ހުރި 250 މިލިއަން ރުފިޔާ ދައްކައި ހަލާސްކުރީ މި ސަރުކާރުންކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

”އަދި ވަރަށް ގިނަ ކަންތައްތަކެއް ގުރުބާންކޮށްފަ ދެއްތޯ، އެހާވަރުގެ އަދަދެއް ޕޭ ކުރަން ވެސް ޖެހޭނީ، ދެއްތޯ“ ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މަސްވެރި ސިނާއަތުގައި ވަނީ ހަމައެކަނި ސަރުކާރު ނޫން ކަމަށާއި، ޕްރައިވެޓް ސެކްޓަރ ވެސް ހަރަކާތްތެރިވާއިރު، މަސް ގަންނަ އަގު މިފްކޯ އިން އޭރު ބޮޑު ކުރުމުން، ޕްރައިވެޓް ސެކްޓަރއަށް ”ކޮޅަށް ތިބެވޭވަރު ވެސް ނުވި“ ކަމަށެވެ.

”ޕްރައިވެޓް ސެކްޓަރގެ ކުންފުނިތައް ހަމަ، އެބޭފުޅުންގެ އޮޕަރޭޝަން ހުއްޓާލާ ހިސާބަށް ހަމަ ކަންކަން ގޮއްސަ އޮތީ. އަދި ބައެއް ކުންފުނިތައް ހުއްޓާލި، ގާތްގަނޑަކަށް ހަމަ 50 ޕަސެންޓް އޮޕަރޭޓް ކުރަމުން ދިޔައީ.“ ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވި، މަސްވެރިން އިހުތިޖާޖަށް ނުކުންނަންޖެހޭ ހިސާބަށް ގޮސްގެން ނުވާނެ ކަމަށާއި، އޭގެ ބަދަލުގައި ރަނގަޅު ގޮތަކީ، މަސްވެރިންނަށް ފައިސާ ދެވޭނެ ގޮތަށް، އިންޓަރނޭޝަނަލް މާކެޓުގެ އަގުތަކަށް ރިއާޔަތްކޮށް މަހުގެ އަގު ކަނޑައެޅުން ކަމުގައެވެ. ދެމެހެއްޓެނިވި ގޮތަށް މަސްވެރިކަމުގެ ސިނާއަތް ކުރިއަށް ގެންދެވޭނީ މިގޮތަށް އަމަލުކޮށްގެން ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.