ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެއް އަހަރުވީއިރު، ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމަށްޓަކައި އެކަމަށް ހާއްސަ ކުރެވިފައިވާ މަތިންދާ ބޯޓު މިހާތަނަށް 540 ބަލި މީހުން އުފުލާފައިވާ ކަަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
އެއާ އެމްބިއުލޭންސްގެ ފްލައިޓަކީ މޯލްޑިވިއަންގެ އެއާ ކްރާފްޓެކެވެ.
ރައީސް މުއިއްޒުގެ ސަރުކާރަށް އަހަރެއް ފުރިފައިވާއިރު، ހެލްތު މިނިސްޓްރީން މިއަދު ބުނީ އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށި ފަހުން މިހާތަނަށް 437 ދަތުރުކޮށް، 540 ބަލި މީހުން އުފުލާފައިވާ ކަމަށެވެ.
މި ހިދުމަތް ރާއްޖޭގައި ފެއްޓެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް މި އަހަރުގެ މާޗު މަހުގެ އެއް ވަނަ ދުވަހު ރާއްޖޭގައި އެއާ އެންބިއުލާންސްގެ ހިދުމަތް ވަނީ ފަށައިފައެވެ.
ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ސިޔާސަތެވެ.

