ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކުރަން މަޖުބޫރުކުރާ ގަވާއިދު ބަދަލެއް ނުކުރައްވާނެ ކަމަށް ވިދާޅުވެ، ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިން އެ ގަވާއިދަށް ތަބާވާން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން، ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ ބޭރު ފައިސާއާ ބެހޭ އާ ގަވާއިދުގެ ދަށުން ޓޫރިޒަމްގެ ވިޔަފާރިތަކުން ކޮންމެ ފަތުރުވެރިއެއްގެ އަތުން 500 ޑޮލަރުގެ މަގުން ޑޮލަރު މާރުކުރުމަށް މަޖުބޫރުކުރުމުން ދިވެހީންނަށް ފައިދާތަކެއް ކުރާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ގަވާއިދުގެ ދަށުން ޓޫރިޒަމް އިންޑަސްޓްރީން މާރުކުރަން ޖެހޭނީ ޖުމުލަކޮށް އާމްދަނީގެ 20 ޕަސަންޓު އެކަންޏެވެ.

”އަޅުގަނޑުމެން މި ގަވާއިދު ބަދަލުކުރާކަށް ނެތިން، ނުކުރާނަން ބަދަލެއް. ވަރަށް ސާފުކޮށް މި ދަންނަވަނީ، ގަވާއިދެއް ބަދަލެއް ނުކުރާނަމޭ. 500 ޑޮލަރު މާރުކުރަން ޖެހިވަޑައިގަންނަވާނެއޭ. ގަވާއިދަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމުކަމެކޭ. މިކަން ކުރައްވަން ޖެހިވަޑައިގަންނަވާނެއޭ.“ ރައީީސް ވިދާޅުވިއެވެ.

މިއީ ގާނޫނު އަސާސީއާ އެއްގޮތަށް ގާނޫނުގެ ތެރެއިން ކުރާ ކަމެއްކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މިކަން އިތުރަށް ތަންފީޒުކުރަން އެހީތެރިކަން ދިނުމަށް، އެމްއެމްއޭއަށް ފަސޭހަކޮށްދިނުމަށް އެކަމަށް ހާއްސަ ފޮރެކްސް ގާނޫނެއް ވެސް މަޖިލިސް ތެރެއިން ފާސްކޮށްދެއްވާނެ ކަމަށެވެ.

އަދި އެ ގަވާއިދަށް ތަންފީޒުކުރާ ނަމަ، އަންނަ ޖުލައި މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.