ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ މައިގަނޑު އަމާޒަކީ ގައުމުތަކާ ގުޅުން ބަދަހި ކުރުމުގައި ވަކި އަތަކަށް ނުޖެހުން ކަމަށް ފޮރިން މިނިސްޓަރު ހަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ސަރުކާރަށް އަހަރެއްވުމާ ގުޅިގެން ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މޯލްޑިވްސް ފަސްޓް ޕޮލިސީ، ނުވަތަ އެންމެ ފުރަތަމަ ދިވެހީން އިސްކުރެއްވުމުގެ ސިޔާސަތަކީ އެމަނިކުފާނުގެ ހާރިޖީ ސިޔާސަތުގެ ވަރަށް މުހިންމު ސިފައެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
”ރައީސްގެ މުޅި ސިޔާސަތު ބައްޓަން ކުރެވިގެން މިދަނީ، ގައުމުގެ ކުރިއެރުމާއި، ދިވެހީންގެ ކުރިއެރުމާއި، މި ކަންތައްތަކުގެ ވަށައިގެން.“ ހަލީލު ވިދާޅުވިއެވެ.
ހަލީލު ވިދާޅުވީ ރައީީސް މުއިއްޒުގެ ވެރިކަމުގެ ކުރިން، ދިވެހި ސަރުކާރުގެ ހާރިޖީ ސިޔާސަތު ގެންގުޅުނު ގޮތުން، އުނދަގޫ ހާލަތަކަށް ކަންކަން ގޮސްފައިވާ ކަމަށް އާއްމުން ބުނަމުންދިޔަ ކަމަށެވެ. ނަމަވެސް މިހާރު ގައުމުތަކާ އެކުގައި އޮންނަނީ ވަރަށް ހަމަ ހަމަ ގުޅުމެއް ކަމަށާއި، އެއީ ރާއްޖެއަށް އެންމެ ފައިދާހުރި ގޮތް ކަމަށް ހަލީލު ވިދާޅުވިއެވެ.
ި

