ރައްޔިތުންނަށް ފެންނާން ހުރި ސާފު ހަގީގަތްތައް އޮޅޭ ގޮތަށް ސިޔާސީ ޕާޓީތަކުން ވާހަކަތައް ފެތުރުން ބަލައިނުގަނެވޭ ކަމަށް ވެރިކަން ކުރާ ޕާޓީ ޕީއެންސީ އިން ބުނެފިއެވެ.

ޕީއެންސީން މިހެން ބުނީ، ސަރުކާރާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކުން އެކި ވާހަކަތައް ފަތުރަމުންދާ މި ދަނޑިވަޅުގައި ނެރުނު ބަޔާނެއްގައެވެ.

އެމްޑީޕީން މަސައްކަތްކުރަނީ ރައްޔިތުންނަށް ސާފުކޮށް ފެންނަން ހުރި ކަންކަންވެސް އޮޅުވާލަންކަމަށާއި، އެއީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ފަރާތުން ފެންނަންޖެހޭނެފަދަ އަމަލުތަކެއް ނޫންކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސްއިން ބުނެފިއެވެ.

ޕީއެންސީން ނެރެފައިވާ ބަޔާނެއްގައި ބުނީ ހަރަދު ކުޑަކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން، އަހަރުން އަހަރަށް ބޮޑުވަމުން އައި ހަރަދުތައް ކޮންޓްރޯލްކޮށްފައިވާކަމަށެވެ.

އެގޮތުން ފާއިތުވި 3 އަހަރު އެވަރެޖްކޮށް ކޮންމެ އަހަރަކު %15 އިން ދަޢުލަތުގެ ޚަރަދުތައް އިތުރުވަމުންދިޔަ ނަމަވެސް، ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު ދައުލަތުގެ ހަރަދުތައް އިތުރުވީ %2.5 ކަމަށެވެ. މީގެއިތުރުން ބަޖެޓު ޑެފިސިޓް ކޮންޓްރޯލްކުރެވި، މިއަހަރު ޖުމްލަ ބަޖެޓުގެ ޑެފިސިޓް 378 މިލިއަން ރުފިޔާއިން ކުޑަކުރެވި، %3.6 ދަށްވެފައިވާކަމަށްވެސް އެ ޕާޓީގެ ބަޔާނުގައިވެއެވެ.

ޕީއެންސީން ބުނީ ނިމުނު ސަރުކާރުގައި ބޭރުގެ އެހީގައި ހިންގަން ފެށި މަޝްރޫއުތަކުގެ ހަރަދުތައް ގަވާއިދާއި އެއްގޮތަށް ރެކޯޑު ނުކޮށް މިއަހަރުގެ ހަރަދުތަކުގެ ތެރެއަށް އެ ހަރަދުތައް ހިމެނުމުން ކުރިމަތިވި މައްސަލަތައްވެސް މި ސަރުކާރުން ހައްލު ކުރަމުންދާކަމަށެވެ.

އަދި ދައުލަތުގެ ހަރަދުބަރަދާ ގުޅޭ ތަފްސީލްވެސް ހިއްސާނުކުރާކަމަށް އެމްޑީޕީން ބުނާއިރު، އެއީވެސް ހަގީގަތާއި ހިލާފު ވާހަކަތަކެއްކަން ޕީއެންސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެދަށުން އެކި ކަންކަމުގައި ޖަބާބުދިނުމުގައި ސަރުކާރުން އިހުމާލުވެފައިވާކަމަށް އެމްޑީޕީން ބުނާއިރު، އެއީވެސް ހަގީގަތާއި ހިލާފު ވާހަކަތަކެއްކަން ތަފާސް ހިސާބުތަކުން ފެންނަކަމަށް ބަޔާނުގައިވެއެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށައެޅި އާރްޓީއައިގެ ތެރެއިން، ޤާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވި ހުރިހާ އާރްޓީއައިއަކަށް ވަނީ ޖަވާބުދީފައިކަމަށާއި އަދި ސަރުކާރުގެ ވުޒާރާތަކާއި ދައޔލަތުގެ ކުންފުނިތަކުންވެސް އަންނަނީ އާރްޓީއައިތަކަށް ޖަވާބުދެމުންކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޕީއެންސީގެ ބަޔާނުގައި ބުނީ އެމްޑީޕީގެ ސަރުކާރުގައި ދައުލަތުގެ ކުންފުނިތަކުން އެއްވެސް އާރްޓީއައިއަކަށް ޖަވާބުދާރީވެފައި ނެތްކަމަށެވެ.

އަދި ދައުލަތުގެ ކުންފުނިތަކުން، އާރްޓީއައިއަށް ޖަވާބު ދޭންޖެހޭނެކަމަށް ކޯޓުތަކުން ކަނޑައެޅުމުންވެސް ޖަވާބު ނުދީ ހިފަހައްޓާފައިވާކަމަށާއި، މި ސިޔާސަތު ނިމުކަމަށް ގެނެސް ހާމަކަން ބޮޑުގޮތެއްގައި މައުލޫމާތު ދޭން ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހުކަމަށްވެސް ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.