ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ލާ އިންސާނީ އަމަލުތަކާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ތައުރީފު ކުރައްވައިފިއެވެ.
ރައީސް ވަހީދު ޕީއެސްއެމްއަށް ވިދާޅުވީ، ދާދި ފަހުން ސައުދީ އަރަބިއްޔާގައި ބޭއްވި އަރަބި އިސްލާމީ ގައުމުތަކުގެ ވެރިންގެ ބައްދަލުވުމުގައި، ރައީސް މުއިއްޒު ދެއްވީ ވަރަށް ވަރުގަދަ ތަގުރީރެއް ކަމަށެވެ.
”ރައީސް ޑރ.މުއިއްޒު ދެއްވި ތަގުރީރަކީ ފަހަކަށް އައިސް، ފަލަސްތީނުގެ މައްސަލައިގައި އެއްވެސް ގައުމެއްގެ ވެރިޔަކު ދެއްވި އެންމެ ސާބިތު ސްޕީޗް.“ ރައީސް ވަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން، ދެކުނު އެފްރިކާގެ ފަރާތުން، އިޒްރޭލާ ދެކޮޅަށް، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަށް ތާއީދުކޮށް، ރާއްޖޭގެ ފަރާތުން ”ވަރަށް ވަރުގަދަ“ ވަކީލުންގެ ޓީމެއް ފޮނުއްވިކަން އުފަލާއެކު ފާހަގަކުރައްވާ ކަމަށް ވެސް ރައީީސް ވަހީދު ވިދާޅުވިއެވެ.
ފަލަސްތީނުގެ މައްސަލައިގައި، ދިވެހި ރައްޔިތުންގެ ޝުއޫރާއި އުދާސްތައް ރައީީސް މުއިއްޒު ފާޅު ކުރައްވަމުން ގެންދަވާ ކަމަށްޓަކައި ރައީސް ވަހީދު ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފައެވެ.
ސައުދީ އަރަބިއްޔާގެ ރިޔާޛުގައި ފެށި ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓު ހުޅުވުމުގެ ގޮތުން މި މަހުގެ ކުރީކޮޅު ދެއްވި ތަގުރީރުގައި ރައީީސް މުއިއްޒު ވަނީ ވަރަށް ސީދާ ގޮތެއްގައި ފަލަސްތީނުގެ މައްސަލާގައި ރާއްޖޭގެ ސިޔާސަތު ބަޔާންކޮށްދެއްވާފައެވެ.
ރައީސް ވިދާޅުވީ ފަލަސްތީނުގެ ޙައްޤުގައި މާނަހުރި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.
މިގޮތުން މުސްލިމް އަދި އަރަބި ގައުމުތަކުން ފަލަސްތީނަށް ތާއީދުކުރަނިވި އުސޫލަކުން ފިޔަވަޅުތައް އެޅުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

