ގަވައިދާ ހިލާފަށް ކ. ތިލަފުށީގެ ފަޅުގައި އަޅާފައިވާ އުޅަނދުތައް ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

އެ ކޯޕަރޭޝަނުން ކުރި އިއުލާނެއްގައި ބުނީ ތިލަފުށީގެ ފަޅުތެރެ ސަރަހައްްދުގައި ގަވާއިދާ ހިލާފަށް އަޅާފައިވާ އުޅަނދުތައް ނަގައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އެހެންކަމުން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތަކުގެ ތެރެއިން އެއްވެސް އުޅަނދެއްގެ ވެރިފަރާތެއް ވާނަމަ ތިލަފުށީގެ އޮޕަރޭޝަންސް ޑިޕާޓްމަންޓް (9398888) އަށް ގުޅައި މައުލޫމާތު ސާފުކުރުމަށް ފަހު، 15 ދުވަހުގެ ތެރޭގައި އެ އުޅަނދުތައް ނެގުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އަދި އެ މުއްދަތުގެ ތެރޭގައި އެ އުޅަނދުތައް ނުނަގައިފި ނަމަ، އެއީ ވެރިފަރާތުން ބޭނުން ނެތިގެން ދޫކޮށްލާފައިވާ އުޅަނދުތަކެއް ކަމަށް ބަލައި އެޗްޑީސީން ކަނޑައަޅާ ގޮތެއްގެ މަތިން އެ އުޅަނދުތަކާ މެދު ގޮތެއް ނިންމާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެކުރިން ވެސް އެކި ކަންކަމާ ގުޅިގެން ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި ހުންނަ އުޅަނދުތައް ވެސް ނެގުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކޮށްފައިވެއެވެ.