އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހުތަކަކީ، ރައްޔިތުންނަށާއި، ގައުމަށް ވަރަށް މުހިންމު އިސްލާހުތަކެއްކަމަށާއި، މި އިސްލާހުތަކުގެ ސަބަބުން ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށް ބާރުއަޅައި، ގައުމުގައި ހަމަޖެހުން ގާއިމުކުރުމަށް މަގުފަހިވެގެންދާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

ރައީސް މުއިއްޒުގެ މެސެޖުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ ސަރަޙައްދަށް ބަދަލެއް ގެންނަ ނަމަ މީގެ ކުރިން އޮންނަނީ، ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން ފާސްވުންކަމުގައި ފާހަގަކުރައްވާއެވެ.

އެހެންނަމަވެސް މިއަދު ގެނައި އިސްލާހައެކު އެކަން އިތުރަށް ވަރުގަދަވެ، ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ ތަނަވަސް އަޣްލަބިއްޔަތަކުން ފާސްކުރަން ޖެހޭގޮތަށް ކަނޑައެޅުނީ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އިއްޔެ ގެނައި އިސްލާހާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު އެކްސްކުލޫސިވް އިކޮނޮމިކް ޒޯން (އީ.އީ.ޒެޑް) އާ ހަމައަށް ކަނޑައެޅޭނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި އެގޮތަށް ކަނޑައަޅާ ސަރަޙައްދަކަށް ބަދަލު ގެނެވޭނީވެސް ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ ވޯޓު ލިބި، އަދި އޭގެ އިތުރަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއްވެސް ނަގައިގެންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މަޖިލީހުން ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކާއެކު ރާއްޖޭގައި ބޭރުގެ އެއްވެސް ސިފައިންގެ މީހެއް، ޢަމަލީ ގޮތުން ޙަރަކާތްތެރި ވާނަމަ، އެކަމަށް މަޖިލީހުން ރުހުންލިބި ފާސްވާންޖެހޭކަމަށް ކަނޑައަޅާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ މާއްދާއަކީވެސް ރައްޔިތުންގެ މަޖިލީހުން ބަދަލު ގެނެވޭގޮތަށް މީގެ ކުރިން އޮތް މާއްދާއެއްކަމުގައި ފާހަގަކުރައްވާ، އިއްޔެ ގެނައި އިސްލާހަށްފަހު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގާ ކަންކަމަށް ބަދަލު ގެނެވޭނީވެސް އެ ބަދަލު ގެނައުމަށްޓަކައި ރައްޔިތުންގެ ރުހުން އޮތްތޯ ބަލަން ވޯޓަކަށް އެހުމަށްފަހުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމަ އެއާއެކު، ގައުމުގެ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ’އެންޓި ޑިފެކްޝަން‘ ގާނޫނު އަސާސީގައި ހިމެނުމަކީވެސް ރައްޔިތުންގެ މަޖިލީހުން ނިންމެވި ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މިއަދު ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ރާއްޖޭގެ ތަރައްގީއަށް ކުރު މެދު އަދި ދުރު ރާސްތާގެ ޕްލޭންތައް ހެދުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނިގެން ހިނގައްޖެކަން ފާހަގަކުރެއްވިއެވެ.

ރައީސްގެ ވީޑިއޯ މެސެޖު ނިންމަވައިލައްވަމުން، އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުތަކަކީ ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި ރާއްޖޭގެ މިނިވަންކަމާ، ސިޔާދަތާ، ތަރައްގީއާ، ހަމަޖެހުމަށްޓަކައި، ނުހަނު ޖޯޝާއެކު ޤައުމީ ރޫޙުގައި ނިންމެވި ވަރަށް މުހިންމު ނިންމެވުންތަކެއްކަމުގައި ވިދާޅުވެފައެވެ. އަދި އެފަދަ ނިންމެވުމެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނިންމެވީތީ، އެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.